ޚަބަރު

ކޯޓު އަމުރަކާއި ނުލާ، ޢާންމު ތަންތަނަށް ވަނުމުގެ ބާރު ފުލުހުންނަށް ދެނީ


ކޯޓު އަމުރަކާ ނުލާވެސް ޢާންމު ތަންތަނަށް ވަނުމުގެ ބާރު ޤާނޫނު ތަންފީޒުކުރާ ކޮންމެ އިދާރާއަކަށް ލިބިދޭ ގޮތަށް ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިޞްލާޙު ހުށަހަޅައިފިއެވެ. މި ޤާނޫނަށް 137 އިޞްލާޙެއް ވަނީ ހުށަހަޅާފައެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރ އިބްރާޙިމް ދީދީ ހުށަހެޅުއްވި އިޞްލާޙުގައި ބުނެފައިވަނީ ޤާނޫނު ތަންފީޒު ކުރަމުންދާ އިދާރާއަކުން ތަޙްޤީޤު ކުރަމުންދާ ޖިނާޢީ ކުށަކާއި ގުޅިގެން އަމިއްލަ ތަނަކަށް ވަންނަން ޖެހިއްޖެ ނަމަ ވަކި ޙާލަތްތަކެއްގައި ފިޔަވައި އެތަނެއްގެ ވެރިފަރާތުގެ ރުހުމަކާއި ނުލައި ވަދެވޭނީ ކޯޓު އަމުރެއް އޮވެގެން ކަމަށެވެ.

ކޯޓު އަމުރަކާއި ނުލައި އަމިއްލަ ތަންތަނަށް ވަދެވޭނެ ކަމަށް ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގައި މިހާރު ބުނެފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ލިބިދޭ ޙާލަތުގައި ހުރި މީހަކު ހައްޔަރު ކުރުމަށާއި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ ބާރު ލިބިގެންވާ މީހަކު ހައްޔަރުކުރުމަށެވެ. އަދި ކުށެއް ކުރިކަމަށް ބެލެވޭ މީހަކު ހައްޔަރުކުރުމަށްޓަކައި އޭނާ ފަހާ ދަނިކޮށް އޭނާ އަމިއްލަ ތަނަކަށް ވަދެއްޖެ ޙާލަތެއްގައި، އޭނާ ހޯދުމަށް އަމިއްލަ ތަނަކަށް ވަނުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގައި މިހާރުވެސް ވަނީ ބުނެފައެވެ.

އިބްރާޙިމް ދީދީ ހުށަހެޅުއްވި އިޞްލާޙުގައި ބުނެފައިވަނީ ކޯޓު އަމުރަކާއި ނުލައި އަމިއްލަ ތަނަކަށް ވަނުމާއި އެކަންކަން ކުރުމަށް އެކަށޭނެ ވަގުތަކަށް އެތަނެއްގައި މަޑުކުރުމުގެ ނުވަތަ ތިބުމުގެ ބާރު ފުލުހުންނަށް ލިބެންވާނެ ކަމަށެވެ.

އަމިއްލަ ތަންތަނަކީ މީހުން ދިރިނޫޅޭ ފަޅުކޮށް ދޫކޮށްލައިފައިވާ ތަނެއް ކަމުގައިވެފައި އެތަނުގައި ކުށެއް ކުރަމުންދާ ކަމަށް ނުވަތަ ކުށެއް ކޮށްފައިވާ ކަމަށް ޤަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެކަން ކުރުވުން ހުއްޓުވުމަށްޓަކައި ނުވަތަ އިތުރު ކުށެއް ކުރިޔަނުދިނުމަށްޓަކައި ކޯޓު އަމުރަކާއި ނުލައި އެތަނަކަށް ވުނަމާއި އެކަންކަން ކުރަން އެކަށޭނެ މިންވަރެއްގެ ވަގުތަކަށް އެތަނުގައި މަޑުކުރުމުގެ ނުވަތަ ތިބުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ގޮތަށްވެސް ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް ވަނީ އިޞްލާޙު ގެނެސްފައެވެ.

ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގައި މިހާރު ބުނެފައިވާ ގޮތުން، ބަލައި ފާސްކުރުމުގެ އަމުރެއް ނެރޭއިރު، ބަލައި ފާސްކުރަންޖެހޭ ތަނާއި ފާސްކުރަންޖެހޭ ސަބަބުތަކަށް ރިޢާޔަތްކޮށް، އެކަންކޮށް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ފަނޑިޔާރު ދޭންވާނެއެވެ. އެ ޤާނޫނަށް މިހާރު ފޭދޫ ދާއިރާގެ މެންބަރު އިބްރާޙިމް ދީދީ ހުށަހަޅާފައިވާ އިޞްލާހުގައި ބުނެފައިވަނީ އެކަށީގެންވާ ވަގުތެއް ކަމުގައިވަނީ ޤާނޫނުގައި ބުނެފަވަނީ ހެނދުނު 6:00އިން ރޭގަނޑު 10:00އާއި ދެމެދު ކަމަށެވެ.

މިހާރު ހުށަހަޅާފައިވާ އިޞްލާޙުގައި ބުނެފައިވަނީ އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން އެތަނުގައި ތިބި ބަޔަކަށް އަންގާ އެންގުން ދުރާލާ އެންގުން ލާޒިމް ނޫން ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެތަނަކަށް ވަނުމުގެ ހިނދުކޮޅެއް ކުރިން އެކަން އެންގުމުން އެ މަޤްސަދު ޙާޞިލްވެގެންދާނެ ކަމަށެވެ.

ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާއަށް ޤާނޫނު ވަކީލަކު ޢައްޔަން ކުރުމުގެ ފުރުޞަތު ދިނުމަށްފަހު އޭނާގެ ވަކީލު ހާޒިރު ނުވެއްޖެނަމަ ނުވަތަ ހައްޔަރުގައި ހުރި މީހާއަށް އެންގުމަކާއި ނުލައި ހާޒިރުނުވެއްޖެ ނަމަ ހައްޔަރުގައި ހުރި މީހާއަށް އިތުރު ވަކީލެއް ޢައްޔަން ކުރުމަށް 24 ގަޑިއިރުގެ ފުރުޞަތެއް ދޭންވާނެ ކަމަށެވެ.

ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލު ކުރަން ފަށާފައިވަނީ 2017ވަނަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް އިތުރު ފުރިހަމަ ކަމެއް ގެނައުމުގެ ގޮތުން އެ ޤާނޫނަށް 99 އިޞްލާޙެއް މިދިޔަ އަހަރުގެ ތެރޭގައި ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް އެ އިޞްލާޙުތައް ވަނީ ފަހުން އަނބުރާ ފޮނުވާލާފައެވެ.