ޚަބަރު

މަޖިލީހަށް ކުރިމަތިލާ ފަރާތްތަކުން ދައްކަންޖެހޭ ފީ 15،000 އަށް ބޮޑުކުރަނީ


ރައްޔިތުން މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތައް ދައްކަންޖެހޭ އިދާރާ ފީ ބޮޑުކުރަން މަޖިލިސް އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފު ހުށަހެޅުއްވި އިޞްލާޙުގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ޑިޕޮސިޓް ފައިސާއެއްގެ ގޮތުގައި 15،000 ރުފިޔާ ދައްކަންޖެހޭނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގައި މިހާރު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ ޑިޕޮސިޓްގެ ފައިސާގެ ޢަދަދަކީ 5000 ރުފިޔާ ކަމަށެވެ.

މަޖިލިސް އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފު ވިދާޅުވީ އެ ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ބާއްވަންޖެހޭ އެންމެހާ އިންތިޚާބުތަކާއި ބެހޭ ކަންކަން ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ. އަދި އެ އިންތިޚާބުތަކަކީ މިނިވަން އިންސާފުވެރި ހާމަކަންބޮޑު އަދި އިތުބާރުކުރުވަނިވި ގޮތެއްގެ މަތިން ބޭއްވޭ އިންތިޚާބުތަކަކަށް ހެދުމަކީވެސް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވި ސަބަބެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތައް ދައްކަންޖެހޭ އިދާރީ ފީ ބޮޑުކުރަން މަޖިލިސް އިންތިޚާބުގެ ޤާނޫނަސް އިޞްލާޙު ހުށަހަޅާފައިވާއިރު ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތައްވެސް ދައްކަންޖެހޭ އިދާރީ ފީ ބޮޑު ކުރުމަށްވެސް ރިޔާސީ އިންތިޚާބުގެ ޤާނޫނަށްވެސް ވަނީ އިޞްލާޙު ހުށަހަޅާފައެވެ. އެގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު ދައްކަންޖެހޭ އިދާރީ ފައިސާގެ އަދަދަކީ 100،000 ރުފިޔާ ކަމަށް ކަނޑައަޅައި ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ވަނީ އިޞްލާޙު ހުށަހަޅާފައެވެ.