ސިޔާސީ ޕާޓީތަކަށް ދަަޢުލަތުން ދޭ ފައިސާގެ އަދަދު ދަށް ކުރުމަށް ސިޔާސީ ޕާޓީތަކާއި ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިޞްލާޙު ހުށަހަޅައިފިއެވެ. ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތައް ހިންގުމަށް ދޫކުރެވޭ ފައިސާ ކަމުގައި ދަޢުލަތުގެ ބަޖެޓުގައި ކަނޑައެޅޭނީ ޓެކުހުގެ ގޮތުގައި ދަޢުލަތަށް ލިބޭނެ ކަމަށް އެ އަހަރެއްގެ ބަޖެޓުގައި ކަނޑައަޅައި ޢަދަދުގެ 0.05 އިންސައްތަ ފައިސާކަމަށެވެ.
ސިޔާސީ ޕާޓީތަކަށް މިހާރު ފައިސާ ދޫކުރަނީ ކޮންމެ އަހަރެއްގެ ދަޢުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ އާއި 0.2 އިންސައްތައާ ދެމެދުގެ ޢަދަދެކެވެ.
ޖަމީލް އުސްމާން ހުށަހަޅާފައިވާ އިޞްލާޙުގައި ބުނެފައިވަނީ ޓެކުހުގެ ގޮތުގައި ދަޢުލަތަށް ލިބޭނެ ކަމަށް އެ އަހަރެއްގެ ބަޖެޓުގައި ކަނޑައަޅައި ޢަދަދުގެ 0.05 އިންސައްތަ ސިޔާސީ ޕާޓީތަކަށް ދޫކުރި ނަމަވެސް ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ޢަދަދު ދިހަ މިލިއަނަށްވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ މިންވަރު މަދުކުރަން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިޞްލާޙު ހުށަހަޅާފައިވާއިރު ވޭތުވެދިޔަ ދެ އަހަރުވެސް ދަޢުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ވަނީ 23 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
މިއަހަރުގެ ބަޖެޓުން 23 މިލިއަން ރުފިޔާ ސީޔާސީ ޕާޓީތަކަށް ދޫކޮށްފައިވާއިރު އެންމެ ގިނަ ފައިސާ ލިބުނީ ވެރިކަން ކުރާ ޕީޕީއެމްއަށެވެ. އެޕާޓީއަށް ދިހަ މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ދެން އެންމެ ގިނަ ފައިސާ ލިބުނު އެމްޑީޕީ 7.4 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއަށް ދޫކޮށްފައިވަނީ 2.7 މިލިއަން ރުފިޔާއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ދައުލަތުގެ ބަޖެޓޫން ފައިސާ ދޫކުރަންޖެހޭނީ 10000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.