ކުޅިވަރު

ފަހު ވަގުތު އާޖެންޓީނާ ދެވަނަ ބުރަށް!


މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ރޮޚޯ ކާމިޔާބުކޮށްދިން ގޯލުން ނައިޖީރިޔާ ބަލިކޮށް، ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ.

މެޗު އެއްވަރުވެ، ދެވަނަ ބުރުގެ އުއްމީދު ގެއްލިފައިވަނިކޮށް ރޮޚޯ އާޖެންޓީނާއަށް އުފާވެރިކަން ގެނެސްދިނީ 86 ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. މެޗުގެ ފުރަތަމަ ހާފް ފަށައިގެން 15 ވަނަ މިނިޓްގައި ލަޔަނަލް މެސީގެ މޮޅު ގޯލަކުން އާޖެންޓީނާ ކުރި ހޯދާފައިވަނިކޮށް، ނައިޖީރިޔާއިން ދެވަނަ ހާފްގައި ހަމަހަމަކޮށް ދެވަނަ ބުރުގެ ފުރުޞަތު ހޯދީ 51 ވަނަ މިނިޓްގައެވެ. އެއީ ވިކްޓަރ މޮސެސް ކާމިޔާބުކުރި ޕެނަލްޓީންނެވެ. އޭގެ ފަހުން ނައިޖީރިޔާއިން ރަނގަޅަށް ކުޅެ ފުރުޞަތުވެސް ހޯދިއެވެ. ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

އާޖެންޓީނާއަށް ގްރޫޕްގެ ދެވަނަ ލިބުނީ ގްރޫޕްގެ އަނެއް މެޗުގައި ފަހު ވަގުތު ކޮރޭޝިޔާވެސް މޮޅުވުމުންނެވެ. އައިސްލެންޑާއި ވާދަކޮށް ކޮރޭޝިޔާ ކުރި ހޯދީ 2-1 ނެވެ. 1-1 ން އެއްވަރުވާން ދަނިކޮށް އެމެޗުން ކޮރޭޝިޔާ 3 ޕޮއިންޓް ހޯދީ މެޗުގެ އެންމެ ފަހު މިނިޓްގައި ޕެރިސިޗް ކާމިޔާބުކޮށްދިން ގޯލުންނެވެ. މިނަތީޖާތަކާއެކު ކޮރޭޝިޔާއަށް ގްރޫޕްގެ އެއްވަނަ ލިބެނީ ތިން މެޗުންވެސް މޮޅުވެ، 9 ޕޮއިންޓާއެކުއެވެ. އާޖެންޓީނާއަށް ދެވަނަ ލިބުނީ ތިން މެޗުން 4 ޕޮއިންޓާއެކުއެވެ. ނައިޖީރިޔާއަށް ލިބުނީ 3 ޕޮއިންޓެވެ. އަދި އައިސްލެންޑަށް އެއް ޕޮއިންޓެވެ.

ދެވަނަ ބުރުގައި އާޖެންޓީނާ ވާދަކުރަން ޖެހޭނީ ގްރޫޕް ސީގެ އެއްވަނަ ފްރާންސާއެވެ. ކޮރޭޝިޔާ ވާދަކުރަން ޖެހޭނީ ގްރޫޕް ސީގެ ދެވަނަ ޑެންމާކާއެވެ.