ރާއްޖޭގެ ސްކޫލުތަކުގެ ދިވެހި ޕްރިންސިޕަލުން މާސްޓަރސް ފެންވަރަށް ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމްގެ ދެވަނަބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމުގެ ދަށުން މެލޭޝިއާގެ ޔުނިވަރސިޓީ ޓެކްނޮލޮޖީ މާރާގައި މާސްޓަރސް އޮފް އެޑިއުކޭޝަނަލް މެނޭޖްމެންޓް އެންޑް ލީޑަރޝިޕްގެ ރޮނގުން ކިޔެވުމަށް 30 ސްކޮލަރޝިޕްގެ ފުރުޞަތު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުވާލަފައެެވެ.
މި 30 ފުރުޞަތުގެ ތެރޭގައި ކޯސްފީ ހިލޭ 10 ސްކޮލަރޝިޕް ހިމެނޭއިރު ދަރިވަރުން އަމިއްލައަށް ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ސަޕްލިމެންޓްރީ ލޯނުގެ ދަށުން ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ހަމަޖައްސައި ދޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ. އަދި އަނެއް 20 ފުރުޞަތުގެ ދަށުން، ކޯސް ފީ އާއި އެހެނިހެން ޚަރަދުތައްވެސް ސަޕްލިމެންޓްރީ ލޯނު މެދުވެރިކޮށް ހަމަޖައްސައިދެވޭނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މި ސްކޮލަޝިޕްތަކުގެ ދަށުން ފުރުޞަތު ދިނުމުގައި އިސްކަންދޭނެ 30 ސްކޫލެއް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ކަނޑައަޅާފައެވެ. އެ މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕަށް ނޮމިނޭޓް ކުރުމުގައި ފުރުޞަތުތަކަށް ކަނޑައެޅިފައިވާ ރަށްތަކުން ހުށައަޅާ ކެންޑިޑޭޓުންނަށް އިސްކަންދެވޭނެކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިކޯހުގެ ޝަރުތު ތަކުގައި ތެރޭގައި، އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން-މެނޭޖްމެންޓް ނުވަތަ ކިޔަވައި ދިނުމުގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއްހާސިލުކުރައްވާފައިވުމާއެކު ޓީޗިންގ-އެޑްމިނިސްޓްރޭޝަން ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުންނުވަތަ، އެޑިޔުކޭޝަން ނުވަތަ ކިޔަވައި ދިނުމުގެ ދާއިރާއިން އޮނަރސް ޑިގްރީއެއް ހާސިލުކުރައްވާފައިވުމާއެކު ޓީޗިންގ-އެޑްމިނިސްޓްރޭޝަން ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މީގެ އިތުރުން ޓީޗންގ ސަރވިސް އޮފިސަރގެ ޝަރުތު ހަމަވުމާއެކު ލީޑިން ޓީޗަރގެ މަގާމުގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ޓީޗިން ސަރވިސްގެ ޝަރުތު ހަމަވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވެސް މި ފުރުސަތުތަކަށް ކުރިމަތިލެވޭނެކަމަށް އެ މިނިސްޓްރީއިން މައުލޫމާތުދެއެވެ.
މިފުރުސަތުތަކަށް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ ޖުލައި މަހުގެ 10 ވަނަ ދުވަހެެވެ.
ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ފުރަތަމަ ބުރުގެ ދަށުން 30 ޕްރިންސިޕަލުން މިހާރު ދަނީ ސްރީލަންކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައި މާސްޓަރސް ފުރިހަމަ ކުރަމުންނެވެ.