ކުޅިވަރު

ޖަރުމަނު ޓީމުގެ ދެ އޮފިޝަލަކަށް އަދަބުދީފި


ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ޓީމުގެ ދެ އޮފިޝަލަކަށް އަދަބުދޭން އެ ޤައުމުގެ ފެޑަރޭޝަނުން ނިންމައިފިއެވެ.

މި ގޮތުން ޓީމުގެ މެޑިކަލް އޮފިޝަލަކާއި އެހެން އޮފިޝަލަކަށް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެންޗަށް ދިއުން ވަނީ މަނާކޮށްފައެވެ. އެއީ އެންމެ ފަހު މިނިޓްގައި ގޯލު ޖަހައިގެން ސްވިޑްން އަތުން ޖަރުމަނު މޮޅުވި މެޗުގައި ގޯލު ޖެހުމާއެކު މި ދެ އޮފިޝަލުން ސްވިޑްންގެ ބެންޗާ ދިމާލަށް ކުޅިވަރުގެ ރޫހާ ހިލާފު ވައްތަރުތަކެއް ޖެއްސުމުންނެވެ.
މި މައްސަލަ ފީފާއިން ވެސް ވަނީ ބަލަން ފަށާފަ އެވެ.

ޖަރުމަނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ދެ އޮފިޝަލުންގެ އަމަލުތައް ހުރީ ރަނގަޅަށްނޫން ކަމަށާއި އެމީހުންގެ އަމަލުތަކުގެ ސަބަބުން މެޗުގައި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަނުޖެހުން އުފެދެން މެދުވެރިވި ކަމަށެވެ.
މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމަށް ޖަރުމަނު މާދަމާ ރޭ ކުޅޭނީ ދެކުނު ކޮރެޔާއާއެވެ. މިހާތަނަށް ދެ މެޗު ކުޅެގެން ޖަރުމަނަށް ލިބިފައިވަނީ 3 ޕޮއިންޓާއެކު ގްރޫޕުގެ ދެ ވަނަ އެވެ. އެއްވަނާގައިވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރި މެކްސިކޯއެވެ. ޖަރުމަނު ކުޅުނު ފުރަތަމަ މެޗުގައި މެކްސިކޯ އަތުން ބަލިވުމުން ސްވިޑްން މެޗަށް ނުކުތީ ބަލިވެއްޖެނަމަ މުބާރާތުން ކަޓާނެކަން އެނގިތިބެ އެވެ.