ކުޅިވަރު

ނޭމާ ހިމާޔަތްކުރަންޖެހޭ، ބްރެޒިލްގެ މީހަކީ ކުޓީނިއޯ: ކަކާ


ނޭމާގެ އަމަލުތައް ހުންނަގޮތުން އޭނާ ހިމާޔަތް ކުރަން ޖެހޭ ކަމަށާއި، ވަރލްޑް ކަޕުގައި ބްރެޒިލްގެ މީހަކީ ޕިލިޕް ކުޓީނިއޯ ކަމަށް އެ ޓީމުގެ ކުރީގެ ތަރި ކަކާ ބުނެފިއެވެ.
2002 ވަނަ އަހަރުގެ ވަރލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލްގެ މިޑްފީލްޑަރު ކަކާއަކީ 2007 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއެވެ.

"ޓީމުގެ ތަރިއަކީ އަދިވެސް ނޭމާ. އެކަމަކު ވަރލްޑް ކަޕުގައި ބްރެޒިލްގެ ޓީމުގެ މީހަކީ ކުޓީނިއޯ. ޓީމު ކޮނޑުއަޅައިގެން ކުރިއަށް ދަނީ އޭނާ،" މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބްރެޒިލް މޮޅުކޮށްދޭން ގޯލު ޖަހައިދިން ކުޅުންތެރިޔާއާ ބެހޭ ގޮތުން ކަކާ ބުންޏެވެ.

އޭނާ ބުނީ ނޭމާ މުޅިން ފިޓްނޫން ކަމަށާއި، މިހެންވެ ދަނޑުމަތީގައި އޭނާގެ އަމަލުތައް ހުންނަ ގޮތުން ނޭމާއާ މެދު ފަރުވާތެރިވާން ޖެހޭ ކަމަށެވެ.

"ކޮންމެ މެޗަކަށް ފަހު އޭނާ އަންނަނީ ރަނގަޅުވަމުން. އެކަމަކު ފިޒިކަލީ މުޅިން ފިޓްވަމުން އަންނައިރު ބައެއް ފަހަރު އޭނާ ހިމާޔަތްކުރަންޖެހޭ. އެއީ ކުރެވޭ ކަންތައްތަކުގެ ސަބަބުން އޭނާއަށް މުބާރާތުގައި ކުރިއަށް ދިއުމަށް ހުރަސް އެޅިދާނެތީވެ. އޭނާގެ އިހުސާސްތަކާއި ޖަޒުބާތީ ކަންތައްތައް އެބަޖެހޭ ހުއްޓުވަން،" ކަކާ ބުންޏެވެ.

އޭނާ ބުނީ ކޯޗު ޓިޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލް މިހާތަނަށް ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.
ފުރަތަމަ މެޗުގައި ސްވިޒަލޭންޑް އަތުން އެއްވަރުވެ، ދެ ވަނަ މެޗުގައި ކޮސްޓަރިކާ އަތުން 2-0 ން މޮޅުވި ބްރެޒިލް ދެ ވަނަ ބުރަށް ދިއުމަށް މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.