ކުޅިވަރު

އިރާން ރޮއްވާލައި، ސްޕޭނާއި ޕޯޗުގަލް ދެ ވަނަ ބުރަށް


ސްޕޭނާއި ޕޯޗުގަލްގެ މެޗުތައް އެއްވަރުވުމުން ވަރލްޑް ކަޕުން އިރާން ކަޓައިފިއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗުގައި އިރާން އެއްވަރުވީ ޕޯޗުގަލްއާ ވާދަކޮށް 1-1 ނެވެ. ސްޕޭން އެއްވަރުވީ މުބާރާތުން ކަޓާފައިވާ މޮރޮކޯއާ ވާދަކޮށް 2-2 ނެވެ.

މި ނަތީޖާގެ ސަބަބުން ޕޯޗުގަލް އާއި ސްޕޭން ފަސް ޕޮއިންޓުން އެއްވަރުވެ، ފައިދާ ގޯލުގެ ތަފާތުން ގްރޫޕުގެ އެއްވަނަ ލިބުނީ ސްޕޭނަށެވެ. އިރާނަށް ލިބުނީ ހަތަރު ޕޮއިންޓާއެކު ތިން ވަނައެވެ. މޮރޮކޯ އަށް ތިން މެޗުން އެއް ޕޮއިންޓެވެ.
މުބާރާތުގެ ދެ ވަނަ ބުރުގައި ސްޕޭން ކުޅޭނީ ގްރޫޕް އޭގެ ދެ ވަނަ ޓީމު އަދި މުބާރާތް ބާއްވާ ގައުމު ރަޝިޔާއާއެވެ. ޕޯޗުގަލް ނުކުންނާނީ ގްރޫޕް އޭގެ ޗެމްޕިއަން އުރުގުއޭއާ ދެކޮޅަށެވެ.

އިރާނާއި ޕޯޗުގަލް ކުޅުނު މެޗުގެ ނަތީޖާ އިރާން ހަމަހަމަކުރީ ފަހު މިނިޓްގައި ވީއޭއާރު ބަލައިގެން ލިބުނު ޕެނަލްޓީން ކަރީމް އަންސަރީފާދް ޖެހި ލަނޑުންނެވެ. އޭގެ ކުރިން ވީއޭއާރަށް ބަލައިގެން ޕޯޗުގަލް އަށް ލިބުނު ޕެނަލްޓީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަތުން ވަނީ ބޭކާރުވެފަ އެވެ. ޕޯޗުގަލްގެ ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ރިކާޑޯ ކުއަރެސްމާ އެވެ.

ސްޕޭނާއި މޮރޮކޯ ކުޅުނު މެޗުގައި ދެ ފަހަރު ވެސް ލީޑް ނެގީ މޮރޮކޯއެވެ. ޚާލިދު ބޫތައިން 14 ވަނަ މިނިޓްގައި ޖެހި ލަނޑަށް ފަހު ސްޕޭނަށް ހަމަހަމަކޮށްދިނީ އޭގެ ފަސް މިނިޓް ފަހުން އިސްކޯއެވެ. އަދި 81 ވަނަ މިނިޓްގައި ޔޫސުފް އަލް ނެސީރީ ޖެހި ލަނޑުން މޮޅުވާން ދަނިކޮށް ސްޕޭނަށް ނަތީޖާ ހަމަހަމަކޮށްދިނީ އިތުރު ވަގުތުގައި ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ.