ބޭރު ޤައުމަކުން ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރުން ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭގޮތަށް ރިޔާސީ އިންތިހާބު ޤާނޫނަށް އިސްލާހު ހުށައަޅައިފިއެވެ. 
މި އިސްލާހު މަޖިލީހަށް ހުށައަޅުއްވައިފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު، އަދި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ. ނިހާނު ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގެ އިތުރުން ބޭރުގެ އެއްވެސް ޤައުމެއްގެ ރައްޔިތަކަށް އެއްވެސް އިރެއްގައި ވެފައިވާ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އެމީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލިތާ ދިހަ އަހަރުން ފަހުންކަމަށެވެ. 
ޤާނޫނު އަސާސީގައިވާ ގޮތުން ބޭރު ޤައުމެއްގައި ރަށްވެހިވެފައިވާ އެއްވެސް މީހަަކަށް  ރިޔާސީ އިންތިހާބަހަކަށް ކުރި މައްޗެއް ނުލެވޭނެއެވެ. އެހެންނަމަވެސް ރަށްވެހިންކަން ދޫކޮށްލުމުން ކުރިމަތިލުމުގައި އެއްވެސް ހުރަހެއް ނެތް އިރު ބޭރުގެ ރައްޔިތުކަން ދޫކޮށްލުމުން ރިޔާސީ އިންތިޚާބުގައި ބައިވެރިވެވޭނީ ވަކި މަުއްދަތެއް ފަހުންކަމެއް ޤާނޫނު އަސާސީއަކު ކަނޑައަޅާފައެއް ނުވެއެވެ. 
މި އިސްލާހު މަޖިލީހަށް ހުށައަޅުއްވަމުން ނިހާން ވިދާޅުވީ ޤާނޫނަށް އިސްލާހު ހުށައެޅުއްވީ ދިވެހި ދަޢުލަތާއި ދިވެހި ސަރުކާރާއި އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަޤާމަށް އިންތިޚާބު ކުރާ މީހަކީ އިޚްލާސްތެރި، އަދި ބޭރުގެ އެއްވެސް ޤައުމެއްގެ ނުފޫޒެއް ނެތް މީހަކަށް ހެދުމަށްކަމަށެވެ. އަދި އެއީ ބޭރުގެ ޤައުމުތަކުގެ ނުފޫޒުން ރާއްޖެ އެއްކިބާ ކުރުމަށް ހުށައެޅުއްވި އިސްލާހެއްކަމަށާއި އަދި އިސްލާހުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން ފަސޭހަވެގެންދާނެކަމަށްވެސް ނިހާން ވިދާޅުވިއެވެ.