ޚަބަރު

ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތައް އެއްލައްކަ ރުފިޔާގެ ފީއެއް ދައްކަންޖެހޭނެ


2013ގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން: ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތައް އެއްލައްކަ ރުފިޔާގެ ފީއެއް ދައްކަންޖެހޭ ގޮތަށް ޤާނޫނު އިޞްލާހު ކުރަން ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅާފައި -- ފައިލް ފޮޓޯ: ޕީއެސްއެމް

ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތައް ދައްކަންޖެހޭ އިދާރީ ފީއަކީ އެއްލައްކަ ރުފިޔާ ކަމަށް ކަނޑައަޅައި ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙް ހުށަހަޅައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ މި ބިލު ތަޢާރަފްކޮށްފައެވެ. ދެން އޮންނާނީ މި ބިލްގެ އިބްތިދާޢީ ބަހުސް ކުރުމެވެ.
ރިޔާސީ އިންތިޚާބުގެ ޤާނޫނަށް މިފަދަ އިޞްލާޙެއް ހުށަހެޅުއްވި ސަބަބެއް ކަމަށް ސަރުކާރުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ދިވެހިރާއްޖޭގައި ބާއްވަންޖެހޭ އެންމެހާ އިންތިޚާބުތަކާބެހޭ ކަންކަން ހިންގުން އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ. އަދި އެ އިންތިޚާބުތަކަކީ މިނިވަން އިންސާފުވެރި އަދި ހާމަކަން ބޮޑު އަދި އިތުބާރު ކުރުވަނިވި ގޮތެއްގެ މަތިން ބޭއްވޭ އިންތިޚާބުތަކެއްކަން ޔަޤީން ކުރުމަކީވެސް ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙް ހުށަހެޅުއްވި ސަބަބެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ އެއްލައްކަ ރުފިޔާއަށް ބޮޑުކުރިއިރު މިހާރު އެ ޤާނޫނުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ދައްކަންޖެހޭ އިދާރާ ފީ އަކީ 40،000 ރުފިޔާ ކަމަށެވެ.