ކުޅިވަރު

ސްޕޭން ސީރިއަސް، މޮރޮކޯ ޓީމަށް ބަދަލު ގެންނަނީ


ވަރލްޑް ކަޕް ގްރޫޕް ބީގެ އެއްވަނަ ހޯދަން ކޮންމެހެންވެސް މޮޅުވާންޖެހޭ މެޗަށް ސްޕޭން މިރޭ ނިކުންނައިރު އިދިކޮޅަށް ކުޅޭ މޮރޮކޯ ޓީމުން ބަދަލު ކުޅުންތެރިންނަށް އިސްކަންދީފާނެ ކަމުގެ އިޝާރާތެއް ކޮށްފިއެވެ.
ސްޕޭނުގެ ކޯޗު ފެނާންޑޯ ހިއޭރޯ ބުނީ ހަތަރު ޕޮއިންޓާއެކު އެއްވަނާގައި އޮތް އޭނާގެ ޓީމުން ބޭނުންވަނީ މެޗު ވަރަށް ސީރިއަސްކޮށް ކުޅެން ކަމަށެވެ.

"މިއީ ވަރލްޑް ކަޕް. އެއްވެސް މެޗެއް ފަސޭހައެއްނުވާނެ. އަހަރެމެން ނަތީޖާ އާއި ކުޅުން ރަނގަޅު ކުރަންޖެހޭ. އަހަރެން އުއްމީދު ކުރަނީ މޮޅުވާން. އެންމެވެސް ބޭނުންވަނީ މޮރޮކޯ އަތުން ތިން ޕޮއިންޓް ހޯދަން. މެޗު ފަސޭހަކޮށްނުލާނެ،" މުބާރާތަށް ދެ ދުވަހަށްވީ ފަހުން ޓީމާ ހަވާލުވި ކުރީގެ ކެޕްޓަން ބުންޏެވެ.

މޮރޮކޯގެ ކޯޗު ހާވް ރެނާޑް ބުނީ ސްޕޭން އަތުން މޮޅުވުމަކީ އޭނާގެ ޓީމުގެ ވިސްނުން ކަމަށެވެ.

"20 އަހަރު ފަހުން އަހަރެމެން ވަރލްޑް ކަޕަށް މިއައީ. އަހަރުމެން ދައްކައިދީފި އަހަރެމެންނަށް ވެސް ފުޓްބޯޅަ ކުޅެވޭނެކަން. ފަހު މެޗަށްވާއިރު ހުރިހާ ކުޅުންތެރިންނަށް ވެސް ފުރުސަތު ދިނުމަކީ ވެސް ގޯހެއްނޫން،" އިރާނާއި ޕޯޗުގަލް އަތުން ބަލިވެ، ގްރޫޕުގެ ފުލުގައިވާ ޓީމުގެ ކޯޗު ބުންޏެވެ.

މި މެޗަށް ނިކުންނައިރު ސްޕޭނުގެ ބަދަލު ކީޕަރު ޕެޕޭ ރެއިނާއަށް ވަނީ ހާނިއްކަވެފައެވެ. ނަމަވެސް ނަކޯގެ އަނިޔާ ރަނގަޅުވެފައިވާއިރު މިޑްފީލްޑަރު ކޯކޭއަށް ވެސް އަލުން ފުރަތަމަ 11 ން ފުރުސަތު ލިބުން ގާތެވެ.