ކުޅިވަރު

ރަޝިޔާ ކުޅުންތެރިންނަށް މަނާ ބޭސް ބޭނުން ކުރާ ކަމުގެ ތުހުމަތު!


ރަޝިޔާގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން މަނާ ބޭސް ބޭނުން ކުރާ ކަމުގެ ތުހުމަތު ދުނިޔޭގެ މީޑިޔާތަކުން ކުރަން ފަށައިފިއެވެ.

އަލުން މި ތުހުމަތު ކުރަން ފެށީ ވަރލްޑް ކަޕުގައި ވާދަކުރާ 32 ޤައުމުގެ ތެރެއިން ފީފާ ރޭންކިންގެ އެންމެ ފުލުގައި އޮތް ރަޝިޔާ މިހާތަނަށް ކުޅުނު ދެ މެޗުގައި ދެއްކި އާދަޔާ ހިލާފު ހިތްވަރުގެ ސަބަބުންނެވެ. ސައުދީ އަރަބިއާ 5-0 ން ބަލިކޮށް، ދެ ވަނަ މެޗުގައި މިސުރުގެ މައްޗަށް 3-1 ން ރަޝިޔާ ކުރި ހޯދާފައިވާއިރު އެ ޓީމުގެ ކުޅުންތެރިންގެ ބުންވަރާމެދު ދުނިޔޭގެ މީޑިޔާތަކުން ވަނީ ވަރަށް ބޮޑަށް ތުހުމަތުކޮށްފައެވެ.

މި ގޮތުން މަޝްހޫރު ކުޅިވަރު މީޑިޔާ އީއެސްޕީއެން ރަޝިޔާ ކުޅުންތެރިން މަނާ ބޭހަށް ޓެސްޓްކުރިތޯ ސުވާލު ކުރުމުން ފީފާއިން ވަނީ މިކަމާ ވަކި ޖަވާބެއް ނުދީފައެވެ.
ނަމަވެސް އެހެން ބައެއް މީޑިޔާތަކަށް ދީފައިވާ އިންޓަވިއުއެއްގައި ރަޝިޔާ ފުޓްބޯޅަ ފެޑަރޭޝަނުގެ އޮފިޝަލް ވަޔަޗެސްލާވް ކޮޔެސްކޯވް ބުނީ ކޮންމެ މެޗަކަށް ފަހު ރަޝިޔާގެ ދެ ކުޅުންތެރިއަކު ޑޯޕިން ޓެސްޓް ފީފާއިން ހަދަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ފީފާއިން ރަޝިޔާގެ 150 އަށްވުރެ ގިނަ ކުޅުންތެރިން ޓެސްޓް ހަދާފައިވާ ކަމަށާއި، އެއްވެސް ކުޅުންތެރިއަކި ޕޮޒިޓިވް ނުވާ ކަމަށެވެ.
ނަމަވެސް އެމެރިކާގެ އެންޑި ޑޯޕިން އެޖެންސީގެ ސީއީއޯ ވަނީ އާދަޔާ ހިލާފަށް މޮޅަށް ކުޅޭނަމަ އިތުރު ޓެސްޓް ހަދަންޖެހޭނެ ކަމަށް ބުނެފައެވެ.