ކުޅިވަރު

ޕެނަމާ ކޮޅަށް 6 ލަނޑު، ކޭން ހެޓްރިކް، އިންގްލެންޑް ދެވަނަ ބުރަށް!


އިންގްލެންޑްގެ އާދަޔާ ޚިލާފް ކުޅުމާއެކު، ޕެނަމާ ކޮޅަށް 6 ލަނޑު ޖަހައިގެން ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ކެޕްޓަން ހެރީކޭން ހެޓްރިކް ހެދި މެޗު އިންގްލެންޑް ކާމިޔާބުކުރީ 6-1 ނެވެ. ހަ ލަނޑުގެ ތެރެއިން ފަސް ލަނޑު ޖެހީ ފުރަތަމަ ހާފްގައެވެ. ޕެނަމާއިން ލަނޑު ޖެހީ އިންގްލެންޑުން ހަ ލަނޑު ޖެހި ފަހުންނެވެ. މެޗުގައި ކޭން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ހާފްގައި ދެ ލަނޑު ޖެހީ ޕެނަލްޓީންނެވެ. ދެވަނަ ހާފްގައި ހެޓްރިކް ފުރިހަމަ ކުރުމަށްފަހު ހެންޑަރސަންއަށް ބޭންޑް ހަވާލުކޮށް، ކޭން ވަނީ ބަދަލުކޮށްފައެވެ.

އިންގްލެންޑްގެ ފުރަތަމަ ލަނޑާއި، ހަތަރުވަނަ ލަނޑު ޖެހީ ޑިފެންޑަރ ސްޓޯންސްއެވެ. ތިންވަނަ ލަނޑު ޖެހީ ލިންގާރޑްއެވެ. ޕެނަމާގެ ހަމައެކަނި ލަނޑު ޖެހީ ބަލޯއީއެވެ. މިއީ 1966 ވަނަ އަހަރުގެ ފަހުން އިންގްލެންޑް ވަރލްޑްކަޕް މެޗެއްގައި ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

މެޗުގައި ކޭންޖެހި ތިން ގޯލާއެކު، ދެ މެޗުން ފަސް ގޯލް ޖަހާ ލަނޑު ލިސްޓްގެ ކުރީގައި ހުރީވެސް އޭނާއެވެ. މިއާއެކު ކޭން ވެފައިވަނީ ވަރލްޑްކަޕް ގްރޫޕް ސްޓޭޖްގައި ތިން ލަނޑަށްވުރެ ގިނައިން ޖެހި އިންގްލެންޑްގެ ތިންވަނަ ކުޅުންތެރިޔާއަށެވެ. މީގެކުރިން އިންގްލެންޑް ކުޅުންތެރިއަކު ވަރލްޑްކަޕް ގްރޫޕް ސްޓޭޖްގައި ތިން ލަނޑަށްވުރެ ގިނައިން ޖަހާފައިވަނީ 1986 ވަނަ އަހަރުއެވެ.

ގްރޫޕްގެ އެއްވަނަ ހޯދުމަށް ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އިންގްލެންޑް ވާދަކުރަން ޖެހޭނީ ބެލްޖިއަމާއެވެ. ބެލްޖިއަމްވެސް ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައެވެ. އަދި މިދެޓީމްވެސް ވަނީ ދެ މެޗުން އަށް ގޯލް ޖަހާފައެވެ. މުބާރާތުގައި ދެ މެޗުން އެންމެ ގިނަ ލަނޑު ޖަހައިގެން އެޓޭކް އެންމެ ރަނގަޅު ދެޓީމްގެ ގޮތުގައި އޮތީވެސް މިދެޓީމެވެ.