ޚަބަރު

ތުލުސްދޫ ބަނދަރު ރަސްމީކޮށް ހުޅުވައިފި


މާލެ އަތޮޅު ތުލުސްދޫ ބަނދަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުޅުވާދެއްވައިފިއެވެ. ތުލުސްދޫގެ ބަނދަރު ރައީސުލްޖުމްހޫރިއްޔާ ހުޅުވާދެއްވީ އެމަނިކުފާނު މާލެ އަތޮޅު ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުފުޅުގެ ތެރެއިންނެވެ.

އާބާދީގައި 1491 މީހުން ދިރިއުޅޭ ތުލުސްދޫ ބަނދަރަކީ އައިޑީބީގެ ލޯނު އެހީގެ ދަށުން ހަދާފައިވާ ބަނދަރެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ ސާޅިސް މިލިއަން ސަތޭކަ ފަސްދޮޅަސް ހަ ހާސް ނުވަ ސަތޭކަ ސާޅިސް ނުވަ ރުފިޔާ ނުވަދިހަ ނުވަ ލާރި އެވެ.

މި މަޝްރޫޢު މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.، މި މަސައްކަތް ނިންމާލާފއިވަނީ މިދިޔަ އަހަރުގެ މާރޗު މަހުގެ ތެރޭގައެވެ.
ސްރިލަންކާގެ ކުންފުންޏެއްކަމަށްވާ ސެނޯކް ޓްރޭޑް ކޮމްބައިން ކުންފުންޏާއި ހަވާލުކޮށްގެން ހަދާފައިވާ މި ބަނދަރަކީ 800 ފޫޓް ދިގު 300 ފޫޓް ފުޅާ ބަނދަރެކެވެ. މި ބަނދަރުގައި 290 މީޓަރުގެ ބޮޑު ހިލަޖެހި ބޭރު ތޮށްޓަކާއި 110 މީޓަރުގެ ބޮޑު ހިލަޖެހި ރިވެޓްމަންޓެއްގެ އިތުރުން 500 މީޓަރުގެ ކޮންކްރީޓް އެއްގަމު ތޮށްޓެއްވެސް ވަނީ ލާފައެވެ. މީގެ އިތުރުން ބަނދަރު ސަރަހައްދުގައި 19 ހަރބަރ ލައިޓްސް ބަހައްޓާ ފެނާއި ނަރުދަމާ ހިމެނޭހެން 35 މީޓަރު ދިގު މަގެއް ހަދާފައިވެއެވެ.

ސަރުކާރުން އަންނަނީ ތުލުސްދޫގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މިގޮތުން މިދިޔަ އަހަރު ތުލުސްދޫގެ ބިން ހިއްކާފައިވާއިރު އެރަށުގައި ޒަމާނީ ފެންވަރުގެ ސްޕޯރޓްސް އެރީނާއެއްވެސް ވަނީ އިމާރާތްކޮށްފައެވެ.

މާލެ އަތޮޅުގެ ތިން ރަށަކަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި ދަތުރުފުޅުގައި ދެން ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އެ އަތޮޅު ގުރައިދޫ އަދި މާފުއްޓަށެވެ.