ޚަބަރު

ސޭސް 2018ގެ މީޑިއާ ޕާރޓްނަރަކަށް ޕީއެސްއެމް، ރާއްޖެ ތަމްސީލުކުރާ އެންޖީއޯއަކަށް ރަފީ!


ދެވަނަ ސައުތް އޭޝިއަން ޔޫތް ސަމިޓު، ސޭސް 2018ގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް އަދި ރާއްޖެ ތަމްސީލުކުރާ އެންޖީއޯއަކަށް ރަފީ ހަމަޖައްސާ މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިސަމިޓް އިންތިޒާމުކުރާ އިންޓަރނޭޝަނަލް ޔޫތް ކޮމިޓީ - އައިވައިސީއާއެކު، ޕަބްލިކް ސާރވިސް މީޑިއާ އަދި ރީޖަނަލް އެލަޔަންސް ފޮރ ފޮސްޓަރިން ޔޫތް ސޮއިކުރީ ޔޫތް ސެންޓަރުގެ ކޮންފަރެންސް ހޯލްގައި އޮތް ރަސްމިއްޔާތެއްގައެވެ.

މިއެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ ޗީފް އޮޕަރޭޓިން އޮފިސަރ، މުޙައްމަދު ސައީދެވެ. އަދި އައިވައިސީގެ ފަރާތުން ސޮއިކުރެއްވީ އެޖަމްޢިއްޔާގެ ޗެއަރމަން ޑރ ކޭ.ކޭ ސިންގެވެ. ރާއްޖޭގެ އެންޖީއޯ ރަފީއާއެކު އައިވައިސީއިން ސޮއިކުރި އެއްބަސްވުމުގައި ސޮއިކުރެއްވީ ރަފީގެ ފަރާތުން އެގްޒެކެޓިވް ޑައިރެކްޓަރ އިންޓަރނޭޝަނަލް އިސްމާއިލް ރިފާއުއެވެ.

އެއްބަސްވުމުގެ ރަސްމިއްޔާތައްފަހު ބޭއްވި ޙަފުލާއެއްގައި، މޯލްޑިވްސް ޔޫތް ލީޑަރސް ޑަޔަލޮގް އެންޑް ޕްރީ-ސަމިޓް މީޓީން އޮފް ދަ ސެކަންޑް ސައުތް އޭޝިއަން ޔޫތް ސަމިޓް، ސޭސް 2018ގެ ނިންމުން ފާހަގަކޮށް ބައިވެރިންނަށް ހަދާނީ ލިޔުން ޙަވާލުކުރުން އޮތެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް، އިރުތިޝާމް އާދަމްއެވެ.
މިރަސްމިއްޔާތުގައި ބައިވެރިންނާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކައިގައި މިނިސްޓަރ އިރުތިޝާމްވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ޒުވާނުން ބާރުވެރިކުރުވުމަށް މީގެ ކުރީގެ ސަރުކާރުތަކުން ނުކުރާހާ ގިނަ ގުނަ މަސައްކަތްތަކެއް އެމަނިކުފާނު ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.

"މިސަރުކާރު ވެރިކަމަށް އައިސުރެއް ޒުވާނުން ބާރުވެރިކުރުވުމަށް ވަނީ ގިނަ މަސައްކަތްތަކެއްކޮށްފަ. މިގޮތުން ޒުވާނުންގެ ހައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުވުމަށް ގިނަ ޤާނޫނުތަކާ ޤަވައިދުތަކެއް ވަނީ ހަދާފަ. އަދި ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ވަނީކޮށްފައި. ރަފީފަދަ އެންޖީއޯތަކުން ޒުވާނުންގެ ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ސަރުކާރުން އެއްބާރުލުން ދޭނެ" ޔޫތު މިނިސްޓަރ އިރުތިޝާމު އާދަމް ވިދާޅުވިއެވެ.

މޯލްޑިވްސް ޔޫތް ލީޑަރސް ޑަޔަލޮގް އެންޑް ޕްރީ-ސަމިޓް މީޓީން އޮފް ދަ ސެކަންޑް ސައުތް އޭޝިއަން ޔޫތް ސަމިޓް، ސޭސް 2018 ބާއްވާފައިވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް، އިންޓަރނޭޝަނަލް ޔޫތް ކޮމިޓީ، އައިވައިސީ އަދި ރީޖަނަލް އެލަޔަންސް ފޮރ ފޮސްޓަރިން ޔޫތް، ރަފީ ގުޅިގެންނެވެ.

ޕްރީ ބައްދަލުވުމުގެ ބޭނުމަކީ 2ވަނަ ސައުތް އޭޝިއަން ޔޫތް ސަމިޓުގައި ބައިވެރިވާ ދިވެހި އެންބެސެޑަރުންގެ މެދުގައި މުހިންމު މަޝްވަރާތަކެއްކޮށް، ތައްޔާރުވުމެވެ. ބޭނުމަކީ ޒުވާނުންގެ މެދުގައި ހުރި މައްސަލަތައް ޙައްލުކޮށް ޒުވާނުން ބައިވެރިކޮށްގެން އެމީހުންގެ ޝުއޫރު ފާޅުކުރުން ކަމަށް ރަފީންބުނެއެވެ.

ރަފީ ޖަމްޢިއްޔާއިން ބުނީ އެޖަމްޢިއްޔާގެ އެންމެ ބޮޑު ޢަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17ގައި ސްރީލަންކާގައި ބާއްވާ ސައުތް އޭޝިއަން ޔޫތް ސަމިޓުން ބެސްޓް ކަންޓްރީ އެވޯޑް ޙާޞިލުކުރުންކަމަށެވެ. ރާއްޖެއިން މިއެވޯޑު މިދިޔަ އަހަރުވެސް ކާމިޔާބުކުރިއެވެ.

މިއަހަރުގެ ސަމިޓުގައި ސައުތް އޭޝިއަން ރީޖަނަލް ކޯޕަރޭޝަން، ސާރކުގެ 8 ޤައުމަކުން، އަދި އޮބްޒާރވަރުންގެ ގޮތުގައި ދުނިޔޭގެ 60 ޤައުމަކުން ބައިވެރިވާއިރު، 450 އެއްހާ ޑެލެގޭޓުން މިސަމިޓުގައި ބައިވެރިވާނެކަމަށް އައިވައިސީއިން ބުނެއެވެ. މީގެތެރޭގައި ރާއްޖޭގެ 60ހަކަށް ބައިވެރިން ހިމެނޭނެއެވެ.

މިސަމިޓަކީ މިޞަރަޙައްދުގެ ޤައުމުތަކުގެ ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލުހޯދޭނެ ގޮތްތައް ދެނެގަތުމަށް ބާއްވާ ސަމިޓެކެވެ. މީގެއިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަޑިތައް ޙާޞިލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މިސަމިޓުގައި މަޝްވަރާކުރެވޭނެއެވެ.