ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމަށް ސްމާޓް ސިޓީތަކެއްގެ ބޭނުން ބޮޑު


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތަކާއި ބައިވެރިވުން ކަށަވަރުކޮށްދިނުމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ސްމާޓް ސިޓީތަކެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޒެނީޝާ މިހެން ވިދާޅުވެފައި މިވަނީ ހޮޓެލް ޖެންގައި ފެށި "ޕްރޮމޯޓިންގ ޑިސްއެބިލިޓީ އިންކްލޫސިވް ޑިވޮލޮޕްމަންޓް ފޯރަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ޕްރޮމޯޓިންގ ޑިސްއެބިލިޓީ އިންކްލޫސިވް ޑިވޮލޮޕްމަންޓް ފޯރަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ ސައިންސާއި ޓެކްނޮލޮޖީގެ ސަބަބުން ދިވެހިންގެ ޢާންމު ދިރިއުޅުމަށް މިއަދު ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށާ، ދިވެހިންނަކީ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފާ ބައެއްކަމަށެވެ. މި ގޮތުން، މިފަދަ ޚިދުމަތްތައް ފުރިހަމަވެފައިވާ ސިޓީތަކެއް ނުވަތަ ރަށްތަކެއް އުފެއްދުމަށް ސަރުކާރުން ފުޅާ ދާއިރާއެއްގައި އެކި ފަރާތްތަކާއެކު މަޝްވަރާކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސްމާޓް ސިޓީގެ ސިޔާސަތަކީ ހަމައެކަނި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރުން ކަމުގައި ނުވާތީ، ހުޅުމާލެއަކީ ހުރިހާ ފަރާތްތަކަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ފުރުޞަތު ފަހިވެފައިވާ ތަނަކަށް ހެދުމަށް ސަރުކާރުން އިސްކަން ދެއްވާ ކަމުގައި މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

ތަފާތު ކުރުމެއްނެތި މުޖުތަމަޢުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށްވެސް ޚިދުމަތް ދެވޭ ގޮތަށް ތަރައްޤީކުރާ މި ސްމަރޓް ސިޓީ ޕްރޮޖެކްޓް ފަރުމާކޮށްފައިވަނީ ޔުނިވަރސަލް ޑިޒައިނަކަށް ކަމަށާއި، ޔުނިވަރސަލް ޑިޒައިނެއްގެ އެންމެ މުހިންމު އެއް ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް އުޅެވޭ ފަދަ ގޮތަކަށް ސިޓީތައް ބައްޓަންކުރުންކަމުގައި މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްފައިހުންނަވާ ދާއިމީ މަންދޫނު ޝޯކޯ ނޯޑާ ވިދާޅުވީ ސްމަރޓް ސިޓީއެއް ބިނާކުރާއިރު އެސިޓީގެ އަސްލު ޙަޤީޤީ ބޭނުން ހިފުންކަމަށް ބަލެވޭނީ އެ ސިޓީއަކުން ހުރިހާ ފަންތިއަކާއި ފެންވަރެއްގެ ބަޔަކަށްވެސް ޚިދުމަތްތަށް ލިބިދީގެންކަމަށެވެ.

ޝޯކޯ ނޯޑާވަނީ ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖެއިން ނުކުޅެދުންތެރިކަން ހުންނަކުދިންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމައް ކޮއްދެއްވާފައިވާ މަސައްކަތް ފާހަގަކުރައްވާ ޝުކުރު ސަރުކާރަށް އަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ޒެނީޝާއާއި، ޝޯކޯ ނޯޑާގެ އިތުރުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީގެ) ޕްލޭނިން ޑިރެކްޓަރ އިސްމާއިލް ޝާން ރަޝީދް ބައިވެރިވެވަޑަގެން ވާހަކަދައްކަވާފައިވެއެވެ. އެގޮތުން މި ބޭފުޅުންގެ ވާހަކަގައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންމެ ފުރިހަމައަށް ބޭނުން ހިފޭގޮތަށް ހުޅުމާލެ ތަރައްޤީކުރެވިގެން ދިޔުމަކީ އެ ފަރާތްތަކުގެ ޙައްޤުގައި ކޮށްދެވޭ ވަރަށް ބޮޑު މަސައްކަތެއްކަން ފާހަގަކޮށް، މުޖުތަމަޢުގެ އެކި ދާއިރާތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އޮތުމަކީ މުޅި ޤައުމުގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ.

ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެއްދުވަހުގެ މި ފޯރަމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ޤާނޫނުތަކާއި ސިޔާސަތުތަކާބެހޭ ޕްރެޒެންޓޭޝަނެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީގެ ފަރާތުން ހުށަހަޅައި ދީފައިވެއެވެ.