ކުޅިވަރު

އެންމެ ފަހު މިނިޓްގައި ޝަޤީރީ ސްވިޒަރލެންޑް މޮޅުކޮށްދީފި


މެޗުގެ އެންމެ ފަހު މިނިޓްގައި ޒެންޑެން ޝަޤީރީ ޖެހި ލަނޑުން ސަރބިއާ ބަލިކޮށް، ސްވިޒަރލެންޑް ދެވަނަ ބުރުގެ ފުރުޞަތު ބޮޑުކޮށްފިއެވެ.

2-1އިން ސްވިޒަރލެންޑް މެޗު ކާމިޔާބުކުރީ ސަރބިއާ ލަނޑެއް ޖަހާ ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. ސަރބިއާއިން ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ފަސްވަނަ މިނިޓްގައެވެ. ލަނޑު ޖަހައިދިނީ މިޓްރޮވިޗްއެވެ. ދެވަނަ ހާފްގައި ސްވިޒަރލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ގްރަނިތް ޒަހާއެވެ. އެއީ 56 ވަނަ މިނިޓްގައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ ޝަޤީރީ ސްވިޒަރލެންޑް މޮޅުކޮށްދިނީ 90 ވަނަ މިނިޓްގައެވެ. މެދު ރޮނގު ކައިރިން އަމިއްލަ ހާފްގައި ހުރެ ބޯޅައާއެކު ކުރިއަށް ދެމިގަނެ 26 އަހަރުގެ ކުޅުންތެރިޔާ ލަނޑު ޖެހީ ކައުންޓަރ އެޓޭކްގައެވެ.

މިނަތީޖާއާއެކު ސްވިޒަލެންޑްވެސް އޮތީ ބްރެޒިލްއާއެކު ހަތަރު ޕޮއިންޓް ހަމަކޮށްގެންނެވެ. ސަރބިއާ އޮތީ ތިން ޕޮއިންޓާއެކުއެވެ. ދެވަނަ ބުރަށްދާން ސަރބިއާއަށް ދެން ޖެހޭނީ ބްރެޒިލްގެ މައްޗަށް ކުރި ހޯދާށެވެ. ސްވިޒަރލެންޑަށް އޮންނާނީ ކޮސްޓަރިކާ މެޗެވެ.