ކުޅިވަރު

ނައިޖީރިޔާ މޮޅުވެ، އާޖެންޓީނާއަށް ދިރުން!


އަހުމަދު މޫސާ ފަހު ހާފުގައި ޖެހި ދެ ގޯލުން އައިސްލޭންޑްގެ މައްޗަށް ނައިޖީރިޔާ 2-0 ން ހޯދި މޮޅާއެކު އާޖެންޓީނާ އަށް ވޯލްޑް ކަޕުގެ ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ލިބިއްޖެއެވެ.

ގްރޫޕް ޑީން ކްރޮއޭޝިޔާ ވަނަ ދެ ވަނަ ބުރަށް ދަތުރުކޮށްފައެވެ. ފަހު ޖާގަ ލިބޭނީ ނައިޖީރިއާ އާއި އާޖެންޓީނާ އަދި އައިސްލޭންޑް ކުރެ ޓީމަކަށެވެ.
ފަހު ޖާގަ އަށް ވާދަކުރަން އާޖެންޓީނާ ނުކުންނާނީ މިވަގުތު ތިން ޕޮއިންޓާއެކު ދެ ވަނާގައި އޮތް ނައިޖީރިއާއާ ދެކޮޅަށެވެ. އައިސްލޭންޑް ވާދަކުރާނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު އޮތް ކްރޮއޭޝިޔާއާ ދެކޮޅަށެވެ. އައިސްލޭންޑާއި އާޖެންޓީނާއަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ގްރޫޕް ޑީގެ ފުލުގައި އޮތީ ކުޅުނު ދެ މެޗުގެ ތެރެއިން އައިސްލޭންޑް އަތުން އެއްވަރުވެ ކްރޮއޭޝިޔާ އަތުން ރޭ 3-0 ން ބަލިވި އާޖެންޓީނާއެވެ.

މި ގްރޫޕްގެ ޓޭބަލު އޮތް ގޮތުން ލަޔޮނަލް މެސީގެ އާޖެންޓީނާއަށް ދެ ވަނަ ބުރަށް ދެވޭނީ ދެ ލަނޑުން ނައިޖީރިއާ ބަލިކޮށްގެންނެވެ. އައިސްލޭންޑަށް ދެ ވަނަ ބުރަށް ދެވޭނީ ކްރޮއޭޝިޔާ އަތުން މޮޅުވެ، އާޖެންޓީނާ – ނައިޖީރިއާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

އައިސްލޭންޑްގެ މައްޗަށް ނައިޖީރިއާ ހޯދި މޮޅަކީ ވޯލްޑް ކަޕުގައި ޔޫރަޕުގެ ޓީމެއްގެ މައްޗަށް ހޯދި ހަ ވަނަ މޮޅެވެ. މީގެ ކުރިން އެ ޓީމު ބަލްގޭރިޔާ ދެ ފަހަރު އަދި ސްޕޭނާއި ބޮސްނިއާ އާއި ގްރީސް ވެސް ވޯލްޑް ކަޕުގައި ވަނީ ބަލިކޮށްފައެވެ. މީގެ އިތުރުން ނައިޖީރިއާގެ ކީޕަރު ފްރާންސިސް އޮޒޯހޯ ވެގެންގޮސްފައިވަނީ ވޯލްޑް ކަޕުގައި ބައިކޮޅަށް ގޯލެއް ނުވައްދައި މެޗެއް ނިންމާލި އެންމެ ޒުވާން ކީޕަރަށެވެ. އޭނާގެ އުމުރަކީ 19 އަހަރެވެ.