ޚަބަރު

އައިޔޫއެމްއިން މުޅިން އައާ ދެކޯހެއް ތަޢާރަފްކޮށްފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމްއިން މި ޖޫންމަހު ފެށުމަށް ހަމަޖެހިފައިވާ ސެމިސްޓަރގައި އާ ދެ ކޯހެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.

އިސްލާމީ ޔުނިވާސިޓީން ބުނީ އެގޮތުން އެ ޔުނިވާސިޓީގައި ޕޯސްޓް ގެރެޖުއޭޓް ޑިޕްލޮމާގެ ދެ ކޯހެއް އަލަށް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އޭގެ ތެރޭގައި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއިން ޝަރީއާ އަދި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ލޯ ހިމެނޭ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

މި ދެ ކޯހަށް ކުރިމަތި ލެވޭނީ ޝަރީއާ ނުވަތަ ލޯ ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވާ ނުވަތަ ގުޅޭ ދާއިރާއަކުން ހަތަރު އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރުމާއި އެންމެ ދަށް ވެގެން ލެވެލް 6ގެ ސަނަދު އޮތް އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށެވެ. އެއް އަހަރު ދުވަހުގެ މި ކޯހުގެ ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 37845 ރުފިޔާއެވެ.

މި ފެށޭ ސެމިސްޓާގައި 56 ކޯހެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށްވެސް އައިޔޫއެމް އިން ބުނެއެވެ. އޭގެ ތެރޭގައި މުޅިން އަލަށް އެ ޔުނިވާސިޓީގައި ފަށާ މާސްޓާސް އޮފް ޓީޗިން އެންޑް ލާނިން، އެޑްވާންސް ސެޓްފިކެޓް އިން އިންގްލިޝް ފޯ ޓްރެވަލް އެންޑް ޓޫރިޒަމް އަދި އެޑްވާންސް ސެޓްފިކެޓް އިން އިސްލާމިކް ފައިނޭންސް ހިމެނެއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތަކާއި ބެހޭ ހުރިހާ މަޢުލޫމާތެއް ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި، ޔުނިވަރސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.