ކުޅިވަރު

ނޭމާރ ފިޓް، ޑެނީލޯއަށް ނުކުޅެވޭނެ!


މިއަދު ހަވީރު ކޮސްޓަރިކާއާ ދެކޮޅަށް ކުޅޭ މެޗަށް ނޭމާރ ފިޓްވެ، ޑެނީލޯއަށް ކުޅެވޭނެކަމާމެދު ސުވާލުއުފެދިއްޖެއެވެ.

ޕްރެކްޓިސްގައި އަނިޔާވެ، ޕްރެކްޓިސް ދޫކޮށްލި ނޭމާރ މެޗަށް ފިޓްކަން ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މެންޗެސްޓަރ ސިޓީގެ ފުލްބެކް ޑެނީލޯއަށް ޕްރެކްޓިސްގައި ލިބުނު އަނިޔާގެ ސަބަބުން މެޗުގައި ކުޅެވޭނެކަން ޔަޤީނެއްނޫނެވެ. ބަދަލުގައި ނިކުންނާނެކަމަށް ރިޕޯރޓްތައް ބުނަނީ ކޮރިންތިއަންސްގެ ރައިޓް ބެކް ފަގްނަރއެވެ. މެޗަށް ބްރެޒިލްއިން ނެރޭނެކަމަށް ރިޕޯރޓްތައް ބުނަނީ ސްވަޒިލެންޑާ ވާދަކޮށް އެއްވަރުވި މެޗަށްވެސް ނެރުނު ކުޅުންތެރިންނެވެ.

މެޗާ ގުޅޭ ގޮތުން ސްވަޒިލެންޑް ކޮޅަށް ލަނޑު ޖެހި މިޑްފީލްޓަރ ކުޓީނިއޯ ބުނީ ރަނގަޅު ކުރަން ޖެހޭ ކަމަށާއި، ކޮންމެ މެޗަކީވެސް ފައިނަލެއްކަމަށެވެ. ކުރިއަށް އޮތީ މުޙިއްމު މެޗެއްކަމަށާއި، ތިން ޕޮއިންޓަށް ތައްޔާރުކަމަށެވެ.

" ކުރިއަށް އޮތީ ވަރަށް މުޙިއްމު މެޗެއް. އަހަރެމެން ނިކުންނާނީ ސީދާ ތިން ޕޮއިންޓަށް " ކުޓީނިއޯ ބުންޏެވެ.

މެޗުން ޕޮއިންޓެއް ހޯދަން މަޖުބޫރުވެފައިވާ ކޮސްޓަރިކާގެ ކެޕްޓަން ރުއިޒް ބުނީ މިޑްފީލްޑް ތެރެއިން ބްރެޒިލްއަކީ އެންމެ ރަނގަޅު ޓީމް ކަމަށާއި، އަވަހަށް ބޯޅަ ހޯދާ، ކައުންޓަރ އެޓޭކަށް ބަދަލުކުރުން މުޙިއްމުކަމަށެވެ.

" މެދުތެރެއިން އަވަހަށް ބޯޅަ ހޯދުން ވަރަށް މުޙިއްމު. އަދި އެބޯޅަށް އަވަހަށް ކައުންޓަރ އެޓޭކަށް ބަދަލުކުރަން ޖެހޭ " ކޮސްޓަރިކާ ކެޕްޓަން ބުންޏެވެ.

މިދެޓީމް ވާދަކުރާ މެޗު ފަށާނީ ހަވީރު ފަހެއް ޖަހާއިރުއެވެ. ޕީއެސްއެމްގެ ކަވަރޭޖް ހަތަރެއް ޖަހާއިރު ފަށާނެއެވެ.