ހިޔާ މަޝްރޫޢުގެ ދަށުން ފެނަކަ ކޯޕަރޭޝަނުން ހުޅުމާލޭ ޔޫތު ސިޓީގައި ބިނާކުރަން ނިންމާފައިވާ 15 ބުރީގެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ކުރި އިއުލާނުގައި ބުނެފައި ވަނީ ހުޅުމާލޭ ޔޫތު ސިޓީގައި ކުރިއަށް ގެންދާ ހިޔާ މަޝްރޫޢުގެ ދަށުން، 12000 އަކަފޫޓްގެ ސަރަޙައްދެއްގައި އެ ކޯޕަރޭޝަނުން އަޅަން ނިންމާފައިވާ 15 ބުރީގެ ޓަވަރުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެމަސައްކަތަށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅުކުރަން ޖެހޭނެ ކަމަށާއި، މަޝްރޫޢުގެ ޓެކްނިކަލް ޕްރޮޕޯސަލް ޖުލައިމަހުގެ 3 ވަނަ ދުވަހު ހުށަހަޅަންވާނެކަމަށެވެ.
ފެނަކަ ކޯޕަރޭޝަނުން މީގެ ކުރިންވެސް ވަނީ ހުޅުމާލޭ ޔޫތު ސިޓީގައި އެޅުމަށް ނިންމާފައިވާ 15 ބުރީގެ ޓަވަރުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާންކޮށްފައެވެ. ނަމަވެސް އެފަހަރު ކުރިމަތިލި ކުންފުނިތަކުން ހުށަހަޅާފައިވާ އަގު ބޮޑު ކަމަށް ބުނެ ފެނަކައިން ވަނީ އެހުށެހެޅުންތައް ބާޠިލްކޮށްފައެވެ.
ބޮޑު އާބާދީއަކަށް އަމާޒުކޮށް ހުޅުމާލޭ ޔޫތު ސިޓީގައި ސަރުކާރުން ކުރިއަށް ގެންދާ ހިޔާ މަޝްރޫޢުގެ ދަށުން ސަރުކާރުގެ ގިނަ ކުންފުނިތަކުން ވަނީ އެކުންފުނިތަކުގެ ޓަވަރުތައް އިމާރާތްކުރަން ފަށާފައެވެ. އަދި މިއިމާރާތްތަކުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ބައެއް ކުންފުނިތަކުން ދަނީ ކުރަމުންނެވެ.