ޚަބަރު

ފިތުރު އީދު ނަމާދު މާފަންނު ސްޓޭޑިއަމްގައި ކުރުމަށް ތައްޔާރުވަނީ





 


މާލޭގައި މިއަހަރުވެސް ފިތުރު އީދު ނަމާދު މާފަންނު ސްޓޭޑިއަމްގައި ބޮޑުޖަމާއަތެއްގައި ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.


 
އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ، އީދު ނަމާދުކުރުމައްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ބެހޭ ގޮތުން ކަމާ ގުޅުންހުރި މުހިންމު މުއައްސަސާތަކާއެކު ބައްދަލުވުންތައް ބާއްވަމުންދާ ކަމަށެވެ.


 
މިނިސްޓަރ ޝަހީމް ވިދާޅުވީ މިގޮތަށް ބޮޑު ޖަމާއަތެއްގައި އީދު ނަމާދުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ އެންމެހާ ދިވެހި ރައްޔިތުން އެއްބައިވަންތަވުން ކަމަށެވެ.


 
މިނިސްޓަރ ވިދާޅުވީ ސްޓޭޑިއަމް ސަރަހައްދުގައި އީދުނަމާދު ކުރިނަމަވެސް އިސްލާމީ މަރުކަޒާއި، ސިޓީ ކައުންސިލުން ކަނޑައަޅާ ބައެއް މިސްކިތްތަކުގައި ވެސް އީދުނަމާދު ކުރާނެ ކަމަށެވެ.


 
މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެރަށެއްގެ ކައުންސިލާއި ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ބޮޑުޖަމާއަތުގައި ފިތުރު އީދުނަމާދު ކުރުމުގެ ފުރުސަތު އޮންނާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.


 
 


މިނިސްޓަރ ޝަހީމްގެ ވާހަކަފުޅުގައި، އީދު ނަމާދަށް ދިޔުމުގެ ކުރިން ހުރިހާ ފަރާތަކުންވެސް ފިތުރު ޒަކާތް ދެއްކުމުގެ މުހިންމުކަން ފާހަގަކުރައްވާ ޒަކާތް ދެއްކުމަށްވަނީ ހަނދާންކޮށްދެއްވާފައެވެ.