ޚަބަރު

މިޔަންމާއިން 900 ހަނގުރާމަވެރިން އިންޑިޔާއަށް އެތެރެވެއްޖެ


މިޔަންމާގެ ކުއްކީ ދަރިކޮޅުގެ 900އެއްހާ ހަނގުރާމަވެރިން އިންޑިޔާގެ އިރުއުތުރު މަނީޕޫރަށް އެތެރެވެފައިވާ ކަމުގެ ޖާސޫސީ ރިޕޯޓުތައް ހާމަކުރުމާ އެކު އެ ސްޓޭޓްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ. މަނީޕޫރަކީ ވެސް ކުއްކީ ދަރިކޮޅުގެ މީހުން ދިރިއުޅޭ ސްޓޭޓެކެވެ. މިޔަންމާގެ ކުއްކީ ދަރިކޮޅުގެ ހަނގުރާމަވެރިންތަކެއް އެ ސްޓޭޓަށް ވަގަށް އެތެރެވެފައިވާ ކަމުގެ ރިޕޯޓުތައް ހާމަކުރުމާ އެކު, ކުއްކީ ދަރިކޮޅުގެ މީހުން ތަމްސީލު ކުރާ ޖަމުޢިއްޔާއަކުން ވަނީ އެ ރިޕޯޓުތައް ދޮގު ކޮށްފައެވެ.

މަނީޕޫރު ސްޓޭޓްގެ ސަލާމަތީ ދާއިރާގެ އިސް މުޝީރު ކުލްދީޕު ސިންހ ވިދާޅުވީ, އެ ސްޓޭޓަށް މިޔަންމާގެ ކުއްކީ ދަރިކޮޅުގެ 900އެއްހާ ހަނގުރާމަވެރިން އެތެރެވެފައިވާ ކަމުގެ ރިޕޯޓުތައް އެކި ޖާސޫސީ އިދާރާތަކުން އެ ސްޓޭޓްގެ ސަރުކާރާ ހިއްސާ ކޮށްފައިވާ ކަމުގައެވެ. އެ ސްޓޭޓަށް ކުއްކީ ދަރިކޮޅުގެ ހަނގުރާމަވެރިންތަކެއް އެތެރެވެފައިވާ ކަމުގެ ރިޕޯޓުތައް ފެތުރިފައި މި ވަނީ, 2023 މޭ މަހުން ފެށިގެން މަނީޕޫރުގައި ދިރިއުޅޭ ކުއްކީ ދަރިކޮޅުގެ މީހުންނާއި މެއިޓީ ދަރިކޮޅުގެ މީހުންނާ މެދު ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.

"ޖާސޫސީ ރިޕޯޓުތަކާ އެކު ސަރަޙައްދީ ރޮނގު ބަލަހައްޓާ ފުލުހުން ވަނީ ކުއްލި ހާލަތަކަށް ގެނެސްފައި, އަދި އެ މީހުން ދެނެގަތުމަށް އޮޕަރޭޝަނެއް ދަނީ ހިންގަމުން،" ސިންހ ވިދާޅުވިއެވެ. މަނީޕޫރު ސްޓޭޓްގެ އުސް ބިންތަކުގައި ކުއްކީ ދަރިކޮޅުގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް, ކުއްކީ ދަރިކޮޅުގެ މީހުން ތަމްސީލު ކުރާ ކުއްކީ ސްޓޫޑެންޓްސް އޮގަނައިޒޭޝަން (ކޭއެސްއޯ)ން ވަނީ އެ ރިޕޯޓުތައް ދޮގު ކޮށްފައެވެ. ސިންހ ފަތުރުއްވާފައި ވަނީ ދޮގު މަޢުލޫމާތުތަކެއް ކަމަށް ތުހުމަތުކޮށް އެ ޖަމާޢަތުން ބުނީ, މެއިޓީ ދަރިކޮޅުގެ މީހުން ދެމުންދާ ޙަމަލާތަކުން ކުއްކީ ދަރިކޮޅުގެ ޢާންމު ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން މަނީޕޫރުގެ ސަރުކާރުން ނުކުޅެދިފައިވާ ކަމުގައެވެ.

"އޭނާގެ [ސިންހ]ގެ ބެލުމުގެ ދަށުގައި އަޅުގަނޑުމެންނަށް ރައްކާތެރިކަން ލިބޭނެ ކަމުގެ އިޙުސާސެއް ނުކުރެވޭ. އަޅުގަނޑުމެން ބޭނުން ވަނީ އެ މަޤާމުން އޭނާ އިސްތިޢުފާ ދޭން،" ކޭއެސްއޯން ނެރުނު ބަޔާނެއްގައި ބުންޏެވެ. މަނީޕޫރުގައި ދިރިއުޅޭ ކުއްކީ ދަރިކޮޅުގެ މީހުންނަކީ މިޔަންމާގެ ޗިން ދަރިކޮޅާ ނަސްލީ ގޮތުން ގުޅުން އޮތް ބަޔެކެވެ.

މަނީޕޫރު ސްޓޭޓްގައި މެއިޓީ އަދި ކުއްކީ ދަރިކޮޅުގެ މީހުންނާ ދެމެދު ހިންގަމުންދާ ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކުގައި ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯން ފަދަ ހަތިޔާރުތައް ވެސް ދަނީ ބޭނުން ކުރަމުންނެވެ. އެ ފަދަ ހަތިޔާރު ބޭނުން ކޮށްފައި ވަނީ ކުއްކީ ދަރިކޮޅުގެ ހަނގުރާމަވެރިން ކަމަށް އިންޑިޔާގެ ސަލާމަތީ އިދާރާތަކުން ތުހުމަތު ކުރި ނަމަވެސް, ކުއްކީ ދަރިކޮޅުން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ.

ހުސްވި އަހަރުގެ މޭ މަހުން ފެށިގެން މަނީޕޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދު ވަނީ 237އަށް އުފުލިފައެވެ. އަދި, 60,000އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތިފައެވެ. ސެޕްޓެންބަރު 1ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ހަމަނުޖެހުންތަކުގައި ވެސް 11 މީހުން ވަނީ މަރައިލާފައެވެ. މަނީޕޫރުގައި ވެރިކަން ކުރަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބަަހަރްތިޔަ ޖަންތާ ޕާޓީ (ބީޖޭޕީ)ންނެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ގޮތުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެ ސްޓޭޓްގެ ސަރުކާރުން ވަނީ އިމްފާލް ވާދީއާއި އެ ވާދީއާ އިންވެގެން އޮތް ސަރަޙައްދުތަކުގައި ކަރފިޔު އިޢުލާނު ކޮށްފައެވެ. އަދި, ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ކޮލެޖުތައް ވަގުތީ ގޮތުން ބަންދު ކޮށްފައެވެ. މަނީޕޫރަކީ މިޔަންމާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ސްޓޭޓެކެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ބަންދު ކޮށްފައިވާ މަދަރުސާތަކާއި, ކޮލެޖުތަކާއި ޔުނިވަރސިޓީތައް އަލުން ހުޅުވައިލާފައި ވަނީ ސެޕްޓެންބަރު 17ވަނަ ދުވަހުއެވެ. ނަމަވެސް, ކަރފިޔު މުޅިން އުވައިލާފައެއް ނެތެވެ. މަނީޕޫރަކީ 3 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ ސްޓޭޓެކެވެ.