ޚަބަރު

ޤައުމުގެ ތަރައްޤީއަށް މަގުކޮށޭނީ ދުނިޔޭގައިވެސް އިޙްތިރާމް ލިބިފައިވާ ޤައުމަކަށް ވެގެން: ރައީސް


  • ރައީސް ވިދާޅުވީ އދ. ގައި ރާއްޖޭންކުރާ ދަތުރު ކާމިޔާބުކަމަށް

  • އދ. ގައި ބަސްބުނާ އަދި ބަސްވިކޭ ބަޔަކަށް ވާންޖެހޭކަން ފާހަގަކުރެއްވި

  • މިނިވަންކަން ދިފާޢުކުރުމަށް މަސައްކަތް ކުރާ އެންމެ މުހިންމު މައިދާނަކީ އދ. ކަމަށްވެސް ވިދާޅުވި

ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މަގުކޮށޭނީ، މުޅި ދުނިޔޭގައިވެސް އިޙްތިރާމް ލިބިފައިވާ ޤައުމަކަށް ވެގެންކަމަށް ރައީސުލްހުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އދ. ގެ މެންބަރު ޤައުމަކަށް ރާއްޖެވިތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރީއްޔާ ވަނީ މި މުނާސަބަތުގެ ތަހުނިޔާ ދިވެހި ރައްޔިތުންނާއި ޑިޕްލޮމެންޓުންނަށް ދަންނަވާފައެވެ. އަދި އދ. ގެ މެންބަރު ޤައުމަކަށް ރާއްޖެވުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު ދެއްވި މެސެޖުގައި އަލިއަޅުވާލެއްވިއެވެ.

އެގޮތުން ޤައުމެއްގެ މިނިވަންކަން ބަލައިގަނެވެނީ އެ ޤައުމެއްގެ މިނިވަންކަން އެހެން ޤައުމުތަކަށް އަންގައިދީ ކަނޑައެޅިގެންވާ ވަކި ސަރަޙައްދެއްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަން އަންގައިދީގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިނިވަންކަމާއި ސިޔާދަތު ދިފާޢު ކުރުމަށް މަސައްކަތް ކުރާ އެންމެ މުހިންމު މައިދާނަކީ އދ. ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އދ. ގައި ރާއްޖެ ކުރާ ދަތުރަކީ ކާމިޔާބު ދަތުރެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފުދުންތެރިކަމަށް ބިންގާ އެޅިގެން ދިޔައީ އދ. އާއެކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ މަންދޫބުން އދ. ގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކޮށް ކުރިއަރުވަން މަސައްކަތް ކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އދ. ގައި ރާއްޖޭގެ ބަސް ވިކެން ޖެހެނީ އެތަނަކީ ސުލްހަ ހޯދުމަށް މަސައްކަތް ކުރާ މައިދާންކަމަށްވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި އެތަނުގެ ބަހުސްތަކުގައި ބައިވެރިވެ ބަސްބުނަންޖެހޭއިރު، ތަރައްޤީއަށް މަގުކޮށޭނީ މުޅި ދުނިޔޭގެވެސް އިޙްތިރާމް ލިބިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މަގުކޮށޭނީ އަޅުގަނޑުމެން ޤައުމަކީ މުޅި ދުނިޔޭގައިވެސް އިޙްތިރާމް ލިބިފައިވާ ޤައުމަކަށް ވެގެން. އެކަން ކުރެވޭނީ މިފަދަ މައިދާންތަކުގައި އަޅުގަނޑުމެންގެ އަޑު އުފުލައިގެން. އިހްތިރާމް ކުރާ އިޙްތިރާމް ލިބޭ ބަޔަކަށް ވެގެން. މިއީ އަޅުގަނޑު އދ. އަށް ޒިޔާރަތްކޮށް އެންމެ އިސްކަން ދޭނެ ކަމަކީ. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވި މެސެޖުގައި ވަނީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގައި އަބަދުވެސް އެންމެ އިސްކަމެއް ދެއްވާނީ ދިވެހިންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް ވިދާޅުވެފައެވެ. އަދި "ޕްރޯ މޯލްޑިވްސް" ސިޔާސަތު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ދިވެހި ރައްޔިތުންގެ ކުރިއެރުމަށް އަބަދުވެސް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.