ޚަބަރު

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލީ %70 މީހުން


ސްރީ ލަންކާއަށް މާލީ އަދި އިޤުތިޞާދީ ކާރިސާއެއް ކުރިމަތިވި ފަހުުން އެ ޤައުމުގައި ފުރަތަމަ ފަހަރަށް ބާއްވާފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމި, ވޯޓު ގުނަން ފަށައިފިއެވެ. އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ބުނީ, އިންތިޚާބުގައި ވޯޓުލާފައި ވަނީ, އެ ކަމުގެ ޙައްޤު ލިބިފައިވާ 17 މިލިޔަނެއްހާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތަ މީހުން ކަމުގައެވެ.

ސްރީ ލަންކާގެ ވާދަވެރި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެނޑިޑޭޓެއްގެ ކޮނޑުގައި އެޅޭނެ އެންމެ ބޮޑު ޒިންމާއަކީ, އޭޝިޔާގެ އެންމެ ނާޒުކު އިޤުތިޞާދު ހަމަމަގަށް އަޅުވައި, އެ ޤައުމަށް ކުރިމަތިވެފައިވާ އިޤުތިޞާދީ އަދި މާލީ ދަތިކަމުން އަރައިގަތުމެވެ. ސްރީ ލަންކާގައި ރިޔާސީ އިންތިޚާބު ބާއްވާފައި މި ވަނީ ބޭރު ފައިސާގެ ރިޒަރވް ހުސްވެ, އެ ޤައުމަށް ބޭރުގެ ދަރަނި ދެއްކޭނެ މަގު ބަންދުވެފައިވާ ދަނޑިވަޅެއްގައެވެ. ސްރީ ލަންކާއަށް މާލީ އަދި އިޤުތިޞާދީ ކާރިސާއެއް ކުރިމަތިވީ 2022ވަނަ އަހަރުއެވެ. އިންތިޚާބުުގައި ވާދަ ކުރައްވާ ހުރިހާ ކެނޑިޑޭޓުން ވެސް ވަނީ, އެ ޤައުމަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާއިން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ވަޢުދުވެ ވަޑައިގަންނަވާފައެވެ.

އިންތިޚާބުގެ ކުރިން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ފެންނަ ގޮތުގައި, އިންތިޚާބުގައި ތިން ކެނޑިޑޭޓަކު ވަރަށް ވާދަވެރިކޮށް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ރައީސް ރަނިލް ވިކްރަމަސިންހައާއި, ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާ އަނުރަ ކުމާރަ ދިސާނަޔަކައިގެ އިތުރުން އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސަ ހިމެނިވަޑައިގަންނަވައެވެ.

ވިކްރަމަސިންހަ ދެކެވަޑައިގަންނަވާ ގޮތުގައި, ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާއިން އެ ޤައުމުގެ ސަލާމަތް ކުރެވޭނީ އޭނާއަށެވެ. އޭނާގެ ބެއްލެވުމުގެ ދަށުން ސްރީ ލަންކާއިން ދަނީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކާ ގުޅިގެން އިޤުތިޞާދު ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން, އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފު)ން ވަނީ ސްރީ ލަންކާއަށް 2.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ލޯނެއް ދޫކުރަން އެއްބަސްވެފައެވެ.

ނަމަވެސް, އައިއެމްއެފްގެ ބެއިލްއައުޓު ޕުރޮގުރާމުގެ ދަށުން ވިކްރަމަސިންހަގެ ސަރުކާރަށް މާލީ ގޮތުން ގިނަ އިސްލާޙީ ފިޔަވަޅުތަކެއް އަޅަން ޖެހުނެވެ. އޭގެ ތެރޭގައި ޓެކުސްތައް ބޮޑު ކުރުން ހިމެނެއެވެ. އެއާ އެކު, އެތަކެއް މިލިޔަން ރައްޔިތުންނަށް މާލީ ގޮތުން ދެކޮޅު ޖެއްސޭގޮތް ނުވެ, ފަގީރު ކަމުގެ ތެރެއަށް ވެއްޓުނެވެ. އަދި, އެ ކަމާ ގުޅިގެން ވިކްރަމަސިންހަގެ ވިސްނުމާ ގިނަ ޢަދަދެއްގެ ބަޔަކު ދަނީ ދެކޮޅު ހަދަމުންނެވެ.

ސްރީ ލަންކާއަށް ކުރިމަތިވި އިޤުތިޞާދީ ކާރިސާއާ އެކު ޖޭވީޕީގެ ވެރިޔާ ދިސާނަޔަކައަށް އޮތް ތާޢީދު އިތުރުވެފައިވާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޖޭވީޕީއަކީ 1970އާއި 1980ގެ އަހަރުތަކުގެ ތެރޭގައި ސްރީ ލަންކާގެ ވެރިކަމަށް އަންނަން ހިންގި ހަމަނުޖެހުންތަކެއްގެ އަޑީގައި އޮތް ޕާޓީއެވެ. އެ ހަމަނުޖެހުންތަކުގައި 80,000އެއްހާ މީހުން މަރުވިއެވެ. ނަމަވެސް, ޚިޔާނާތާއި ކޮރަޕްޝަން ނައްތައިލައްވަން ދިސާނަޔަކަ ވަޢުދުވެ ވަޑައިގެންނެވުމާ އެކު އޭނާއަށް އޮތް ތާޢީދު އިތުރުވަމުންދާ ކަމަށް ބެލެވެއެވެ.

ސްރީ ލަންކާގެ އިދިކޮޅު ލީޑަރު ޕްރޭމަދާސަ އަކީ 1993ވަނަ އަހަރު އަވަހާރަ ކޮށްލާފައި ކުރީގެ ރައީސެއްގެ ދަރިކަލުންނެވެ. ދިސާނަޔަކައާއި ޕްރޭމަދާސަ ވެސް ވަނީ, އައިއެމްއެފާ އެކު ސްރީ ލަންކާއިން ހަދާފައިވާ ބެއިލްއައުޓު އެއްބަސްވުން މުރާޖަޢާކޮށް, ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ބުރައިން އެ މީހުން ސަލާމަތް ކުރަން ވަޢުދުވެ ވަޑައިގަންނަވާފައެވެ. ނަމަވެސް, އެ ފަދަ ގޮތަކަށް އަމަލު ކޮށްފި ނަމަ, އައިއެމްއެފްގެ ޕުރޮގުރާމުގެ ދަށުން އެ ޤައުމަށް ފައިސާ ދޫކުރުން އިތުރަށް ލަސްވެގެންދާނެ ކަމަށް ވިކްރަމަސިންހަ އިންޒާރު ކުރައްވައެވެ.

އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރި ކެމްޕޭންގައި ހުރިހާ ކެނޑިޑޭޓުން ވެސް ވަޢުދުވެފައި ވަނީ އިޤުތިޞާދާއި މާލީ ކާރިސާއިން އަރައިގަތުމަށް ފިޔަވަޅުތަކެއް އެޅުއްވުމަށެވެ. 2021އާއި 2022ވަނަ އަހަރާ ދެމެދު ސްރީ ލަންކާގެ ފަގީރުންގެ ޢަދަދު ދެގުނައަށް އިތުރުވެ, އާބާދީގެ 25 އިންސައްތަ ފަގީރު ކަމުގެ ތެރެއަށް ވެއްޓުނެވެ. މާނައަކީ, އިތުރު 2.5 މީހުން ފަގީރު ކަމުގެ ހާލަތަށް ވެއްޓުން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އިޤުތިޞާދީ މާހިރުން ބުނީ, ސްރީ ލަންކާގެ އިޤުތިޞާދު އަދިވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމުގައެވެ.