ޚަބަރު

އިރުއޮއްސުމާއި ހަމައަށް ވޯޓަރސް ލިސްޓަށް 1089 ޝަކުވާ ހުށަހަޅައިފި


މިއަދުގެ އިރުއޮއްސުމާއި ހަމައަށް ވޯޓަރސް ލިސްޓަށް 1089 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ ވޯޓަރސް ލިސްޓަށް މިހާތަނަށް ހުށަހަޅާފައިވާ ޝަކުވާތަކަކީ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ޝަކުވާތަކާއި އަމިއްލަ ފަރުދުން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށެވެ.

އަކްރަމް ވިދާޅުވީ މިހާތަނަށް ލިބުނު ޝަކުވާތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކުރެވެނީ މަރުވެފައިވާ މީހުންގެ ނަންތައް ވޯޓަރސް ލިސްޓުގައި ހުރިކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަތައް ކަމަށެވެ. އަދި 18 އަހަރު ނުފުރޭ ފަރާތްތައްވެސް ލިސްޓުގައި ހުރިކަމުގެ ޝަކުވާވެސް ހުށަހަޅާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާއިރު، ޝަކުވާ ހުށަހެޅުމުގައި ދަތިތަކެއް ހުރި ކަމަށްބުނެ އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް އެ ޕާޓީގެ ކަންބޮޑުވުންތައް ޙިއްޞާކޮށްފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެގޮތުން ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު ކުޑަ ކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށާއި އަދި ޝަކުވާ ހުށަހެޅުމަށް އިލެކްޝަނުން ޢާންމުކޮށްފައިވާ ފޯމު ފުރިހަމަ ކުރުމުގައިވެސް ދަތިތަކެއް ހުރި ކަމަށްއެމްޑީޕީން ބުނެފައިވާ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން ދެންނެވިން މިފަހަރު ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތަކީ ފާއިތުވި އިންތިޚާބުތަކުގައި ދީފައިވާ މުއްދަތަށްވުރެވެސް ދިގު މުއްދަތެއްކަން. ފާއިތުވި އިންތިޚާބުތަކުގައި ދީފައިވަނީ ހަތް ދުވަހުގެ މުއްދަތެއް. ދެން އެބޭފުޅުން ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމަކީ އުނދަގޫ ފޯމެއް. އެހެންނަމަވެސް މިފަހަރު އަޅުގަނޑުމެން މި ބޭނުން ކުރަނީ 2013ގެ ރިޔާސީ އިންތިޚާބުގައިވެސް ބޭނުންކުރި ފޯމު،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ވޯޓަރސް ލިސްޓާއި ގުޅޭގޮތުން އެކޮމިޝަނަށް ޖުމްލަ ލިބިފައިވާ ޝަކުވާގެ ޢަދަދު މާދަމާގެ ވަގުތެއްގައި ހާމަކުރާނެ ކަމަށެވެ. އަކްރަމް ވިދާޅުވީ ޤާނޫނު ބުނާގޮތުން ފަސް ދުވަހުގެ ތެރޭގައި ވޯޓަރސް ލިސްޓަށް ހުށަހެޅިފައިވާ ޝަކުވާތަކަށް ޖަވާބުދޭންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ފަސް ދުވަހުގެ ތެރޭގައި މި ޝަކުވާތަކަށް ޖަވާބު ދިނުމަށްފަހު އިރާދަކުރެއްވިއްޔާ މިހާރު ހުށަހެޅިފައިވާ ލިސްޓަށް ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ނަންތައް އޭގެ ފުރިހަމަ ޑޮކިއުމަންޓު ހުރި ކަމަށްވާނަމަ އިޞްލާހު ކުރުމަށްފަހު އެ ނަންތައް އަޅުގަނޑުމެން ޢާންމުކުރާނަން އަދި ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓު އަޅުގަނޑުމެން ޢާންމުކުރާނަން ޖުލައި މަހުގެ އެއްވަނަ ދުވަހު،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ވޯޓަރސް ލިސްޓަކީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރާ ގުޅިގެން ޢާންމުކުރާ ލިސްޓެއް ކަމަށާއި ވޯޓަރސް ލިސްޓަށް ހުށަހެޅިފައިވާ ޝަކުވާތައް އިޞްލާހު ކުރާނީ ޑީއެންއާރާ ގުޅިގެން ކަމަށެވެ.

ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުންދާއިރު، ސެޕްޓެމްބަރ މަހުގެ 23 ގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާން ކޮށްފައެވެ.