ޚަބަރު

މާފަރު އެއަރޕޯޓަށް އަންނަ މަހު ޓެސްޓް ފްލައިޓްތައް ޖައްސާނެ - މިނިސްޓަރ ޒަމީރު


ނ. މާފަރު އެއަރފޯޓަށް އަންނަ މަހު ޓެސްޓް ފްލައިޓްތައް ޖައްސަންފަށާނެ ކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް މޫސާ ޒަމީރް ވިދާޅުވެއްޖެއެވެ.

މާފަރު އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ޓުއަރިޒަމް މިނިސްޓަރވަނީ މާފަރަށް ވަޑައިގެންފައެވެ. އެގޮތުން އެއަރޕޯޓްގެ ކޮންޓްރެކްޓަރުންނާއި ބައްދަލުކުރައްވާ މަސައްކަތް ކުރިއަށްގެން ދިއުމުގައި ހުރި ދަތިތައް އޮޅުންފިލުއްވިއެވެ. މިބައްދަލުވުމަށްފަހު މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ބައެއް މަސައްކަތްތަކުގައި ދަތިތަކެއް ދިމާވިނަަމަވެސް، މެދުކެނޑުމެއްނެތި ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާކަމަށެވެ.

އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާއިރު ރަންވޭގެ މަސައްކަތުގެ ތެރެއިން ތާރު އެޅުމުގެ ކުރިން އަޅާ ލޭޔަރުގެ މަސައްކަތް މިހާރުވަނީީ ނިމުމަކާއި ގާތްވެފައެވެ. މި މަސައްކަތް ކުރިއަށް އޮތް ފަސް ދުވަހުގެތެރޭގައި ނިންމައި ރާންވޭގައި ތާރުއެޅުމުގެ މަސައްކަތް ފަށާނެއެވެ. އަންނަ މަހު އެއަރޕޯޓުގެ ބޮޑެތި މަސައްކަތް ނިންމުމަށް ޢަމާޒުހިފާފައިވާއިރު ތާރު އެޅުމުގެ މަސައްކަތްވެސް އަންނަ މަހުގެ ކުރީކޮޅު ނިންމުމަށްވަނީ ހަމަޖެހިފައެވެ. މާފަރު އެއަރޕޯޓަށް އަންނަ މަހު ޓެސްޓު ފްލައިޓްތައް ޖައްސަންތައްޔާރުވަމުންދާއިރު، އޯގަސްޓްމަހު ޑޮމެސްޓިކް ދަތުރުތަށް ފަށާނެއެވެ.

މާފަރު އެއަރޕޯޓަކީ އިންޓަރނޭޝަނަލް ފެންވަރަށް ތަަރައްޤީކުރާ އެއަރޕޯޓެކެވެ. 2.2 ކިލޯމީޓަރު ރަންވޭއަކާއެކު ތަރައްޤީކުރާ މިއެއަރޕޯޓްގައި އާންމުކޮށް ރާއްޖެ އަންނަ އެންމެ ބޮޑެތި ފްލައިޓްތައްކަމަށްވާ އޭ380 މަރުކާގެ މަތިންދާ ބޯޓު ޖެއްސޭނެއެވެ.

ޓުއަރިޒަމް މިނިސްޓަރ މާފަރަށް ކުރެއްވި ދަތުރުފުޅުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފްއާއި، މަނަދޫ ދާއިރާގެ މެންބަރު ޢުމަރު ޙުސައިން ބައިވެރިވެވަޑައިގެންނެވިއެވެ. މެންބަރުން ވިދާޅުވީ މަޝްރޫޢުގެ ސަބަބުން 25 ހާސް މީހުންގެ އާބާދީއެއް އޮންނަ މި އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް ލުއިލިބި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށެވެ.

މާފަރު އެއަރޕޯޓުގެ މަޝްރުޢުއާއެކު އެރަށުގައި ސިޓީ ހޮޓަލެއް އެޅުމަށްވެސްވަނީ ނިންމާފައެވެ. ސިޓީ ހޮޓާ އަޅަށް ނިންމާފައިވަނީ އެތަނުން ލިބޭ އާމްދަނީން އެއަރޕޯޓްގެ ޚަރަދުތައް ބެލެހެޓުމުގެ އުސޫލެއްގެ ދަށުންނެވެ. އަބޫދާބީ ފަންޑުގެ ހިލޭ އެހީގައި އަޅާ މި އެއަރޕޯޓަށް 60 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ.