ޚަބަރު

ދުބާއީ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި


ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝައިޙާ ފާޠިމަތު ބިންތު މުބާރަކް ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުސަތު ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ހުޅުވާލައިފިއެވެ.

އެ މަރުކަޒުން ބުނީ އަންނަ ނޮވެންބަރު މަހުގެ ހަތަރަކުން ސޯޅައަށް ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވެވޭނީ ތަޖުވީދުގެ ހަމަތަކާއެކު މުޅި ޤުރުއާން ހިތުދަސް އަންހެން ހާފިޒާއަކަށްކަމަށެވެ. އެ މުބާރާތުގައި ބައިވެރިވާ ފަރާތަކަށާއި، އެފަރާތެއްގެ މަޙްރަމެއްގެ ގޮތުގައި ދާ ފަރާތަކަށް ދެކޮޅު ޓިކެޓާއި ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ހަމަޖައްސައިދޭނެ ކަމަށާއި، މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 25 އަހަރު ނުފުރޭ ފަރާތްތަކަށް ކަމަށްވެސް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ.

މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 31 ވަަނަ ދުވަހުގެ މެންދުރު 01:30 ގެ ކުރިން އެކަމަށް އެދޭ ސިޓީއާއި އެފަރާތެއްގެ ވަނަވަރާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުމަށްވެސް ޤުރުއާނާއި ބެހޭ މަރުކަޒުން ބުނެއެވެ.