ކުޅިވަރު

މިސްރާއި ސަލާހު ރޮއްވާލުމަށްފަހު ރަޝިޔާ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި


އިޖިޕްޓާއި ސަލާޙް ރޮއްވާލުމަށްފަހު ރަޝިއާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

އިޖިޕްޓާއި ބައްދަލުކުރި މިމެޗު ރަޝިއާ ކާމިޔާބުކުރީ ތިނެއް އެކަކުންނެވެ. މިމެޗުގައި ފެނިގެންދިޔަ ހަތަރު ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ.

މިގޮތުން މެޗުގެ ފުރަތަމަ ލަނޑަކީ އިޖިޕްޓްގެ ކެޕްޓަން އަހުމަދު ފާތީ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. އަދި ދެވަނަ ލަނޑު ރަޝިއާ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނިސް ޗެރިޝޭވެވެ. މިއީ ޗެރިޝޭވް މިމުބާރާތުގައި ކާމިޔާބުކުރި ތިން ވަނަ ލަނޑެވެ. މީގެއިތުރުން ޗެރިޝޭވް ވަނީ ފުރަތަމަ މެޗެކޭ އެއްގޮތަށް މިމެޗުގެވެސް މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދާފައެވެ. ރަޝިއާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ޒޫބާއެވެ.

ރަޝިއާ ތިން ލަނޑު ޖަހާފައި ވަނިކޮށް އިޖިޕްޓް ޓީމަށް މެޗުގައި ކުޑަ ހިތްވަރެއް ލިބިގެންދިއައީ މެޗުގެ ހަތްދިހަ ތިން ވަނަ މިނެޓުގައި މުހައްމަދު ސަލާހް ކާމިޔާބުކޮށްދިން ޕެނަލްޓީއިނެނެވެ. އެހެންނަމަވެސް މިނަތީޖާ އާއެކު އިޖްޕްޓް ޓީމަށް މިވަނީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ދޮރު ގާތްގަނޑަކަށް ބަންދުވެފައެވެ.

މުބާރާތުގައި ކުޅުނު ދެ މެޗުން ހަ ޕޮއިންޓާއެކު ފައިދާ ހަތް ލަނޑު ހޯދާފައިވާ ރަޝިއާ ދެން މުބާރާތުން ކަޓާނީ ސައުދީ ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކޮށް، އުރުގުއޭ ރަޝިއާ އާއި ބައްދަލުކުރާ މެޗުވެސް ރަޝިޔާ ބަލިވެގެންނެވެ. އަދި މިއާއެކު ރަޝިއާ މުބާރާތުން ކަޓުވާލުމަށްޓަކައި މިދެޓީމަށް ރަޝިއާއަށްވުރެ ގިނަ ލަނޑުވެސް ކުރިއަށް ހުރި މެޗުތަކުގައި ޖަހަން ޖެހެއެވެ.