ޑަބްލިއުބީސީ (ވޯލްޑް ބޮކްސިން ކައުންސިލް) މުއޭ ތާއި ސްރީލަންކާ އެމެޗަރ 2026 ގައި ރާއްޖެ ތަމްސީލުކުރުމަށް ނުވަ އެތުލީޓަކު ތައްޔާރުވެއްޖެއެވެ. މިމުބާރާތް ކުރިއަށްދާނީ ކޮލޮމްބޯގައި އަންނަމަހުގެ 1 އިން 5 ގެ ނިޔަލަށެވެ.
މުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ޓީމުގެ ކޯޗް މުހައްމަދު ޝަނާޒް ބުނީ ރާއްޖޭގެ އެތުލީޓުން މިކުޅިވަރުން ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނަކަމަށެވެ. އެހެންކަމުން ކުޅުންތެރިންގެ ތަރައްޤީއަށްޓަކައި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިކުރުވަމުން އަންނައިރު، ބައިނަލްއަޤްވާމީ އެތުލީޓުންނާ ވާދަކޮށް ރާއްޖޭގެ ފައިޓަރުން ހޯދަމުންދާ ކާމިޔާބީތަކަކީ ފަޚުރުވެރިވާނެފަދަ ކާމިޔާބީތަކެއްކަމަށް ޤަބޫލުކުރާކަމަށެވެ.
ކުރިއަށް އޮތް މުބާރާތުގައި 9 އެތުލީޓަކު ޤައުމު ތަމްސީލުކުރަން ތައްޔާރުވެފައިވާއިރު، ފާއިތުވެދިޔަ މަސްތަކުގައި އެތުލީޓުން ވަރަށް ބުރަކޮށް މުބާރާތަށް ތައްޔާރުވުމަށް މަސައްކަތް ކުރަމުންދާކަމަށް ކޯޗް މައުލޫމާތުދިނެވެ. ސްރީލަންކާ، ޕާކިސްތާން ފަދަ ޤައުމުތަކުން މިމުބާރާތުގައި 400 އެއްހާ އެތުލީޓުން ވާދަކުރުމަށް ހަމަޖެހިފައިވާއިރު، މިއީ މުއޭ ތައިގެ މުހިންމު ބޮޑު މުބާރާތެއްކަމަށް ކޯޗް ފާގަކުރިއެވެ.
"މިއީ ހަމައެކަނި މުބާރާތެއް ނޫން. މިމުބާރާތުގެ ސަބަބުން ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަޤްވާމީ މެޗު ތަޖުރިބާތައް ލިބިގެންދާނެ. މި މުބާރާތުގެ ސަބަބުން ރާއްޖޭގެ އެތުލީޓުންގެ ހުނަރުތައް އިތުރަށް ތަރައްޤީވެ، އެކްސްޕޯޝަރގެ ފުރުސަތު ފަހިވެގެންދާނެ" ކޯޗް ބުންޏެވެ.
ޑަބްލިއުބީސީ މުއޭ ތާއި ސްރީލަންކާ އެމެޗަރ 2026 ގައި ވާދަކުރާ އެތުލީޓުންނަކީ އީލާފް، ސައިފްޝާން، ނައުމާ، ޒަޔާން، އަލްސަން، ފިކްރީ، ޝިފްނީ، އާޝިޤް އަދި ސްރިމާލްއެވެ. މީގެ ތެރެއިން އިސްމާއިލް ފިކްރީއަކީ މިހާތަނަށް މިފަދަ މުބާރާތެއްގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ވެޓެރަން އެތުލީޓެވެ.