ޚަބަރު

އާ ރަންވޭގެ ތާރުއެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ - އެމްއޭސީއެލް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރާ އައު ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްއޮތް އެއްމަސްތެރޭ ނިމޭނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނެފިއެވެ.

ވީއައިއޭގައި އަލަށް ހަދާ ރަންވޭގެ މަސައްކަތަކީ އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ 1 ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. 2016 ވަނަ އަހަރު ފެށި މި މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާއިރު މިހާރުވަނީ ރަންވޭގެ 6 ލޭޔަރގެ ތެރެއިން އެންމެ ފަހު ތާރު ލޭޔަރ އެޅުމުގެ މަސައްކަތް ފަށާފައެވެ. އެންމެ ފަހު ތާރު ލޭޔަރާއެކު ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިމޭނެއެވެ.

ރަންވޭގެ މަސައްކަތާއި ގުޅޭ ގޮތުން އެމްއޭސީއެލްއިން ބުނީ އައު ރަންވޭގެ ހުރިހާ މަސައްކަތެއް މިއަހަރު ފަހުކޮޅު އެއްކޮށް ނިމޭނެކަމަށެވެ. އަދި ރަންވޭގެ މަސައްކަތް ނިމޭހާ އަވަހަށް ޓެސްޓް ފްލައިޓްތައް ޖައްސަންފަށާނެކަމަށެވެ. ނަމަވެސް ރަސްމީކޮށް ރަންވޭ ބޭނުންކުރަންފަށާނީ، ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރާ އާ ރަންވޭއަކީ ތިންހާސް ހަތަރުސަތޭކަ މީޓަރު ދިގު 2000 މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭ ތަރައްޤީކުރަނީ ބައިނަލްއަޤުވާމީ މިންގަނޑަށް، ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓުތައްޖެއްސޭ ފެންވަރަށެވެ.

އެއަރޕޯޓް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގައި، އައު ރަންވޭގެ އިތުރުން ސީޕްލޭން ޓަރމިނަލާއި ފިއުލް ފަރމާއި އައު ޓަރމިނަލްއާއި، ކަރގޯ ކޮމްޕްލެކްސް ތަރައްޤީ ކުރުން ހިމެނެއެވެ. އަދި މިހާރު ދެމުންދާ ޚިދުމަތު ފެންވަރު ރަނގަޅުކުރުމާއި އެކަމަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް ހޯދުންވެސް ހިމެނެއެވެ.