ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަނީ


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާނެ ދިވެހި ޑޮކްޓަރުން ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހެލްތުން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ބުނީ ،ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފުލްޓައިމްކޮށް މަސައްކަތްކުރާނެ ދިވެހި ނެފްރޮލޯޖިސްޓަކާއި، ކާޑިއޮލޮޖިސްޓަކު ހޯދުމަށް އެމިނިސްޓްރީން މިހާރު އިޢުލާންކޮށްފައިވާކަމަށެވެ.

މިމަޤާމުތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ ޑޮކްޓަރުންނަށް 54430 ރުފިޔާގެ މުސާރައަކާއި ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 430 ރުފިޔާ މިނިސްޓްރީންވަނީ ކަނޑައަޅާފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ މަޤާމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީންވަނީ ފުރުޞަތު ހުޅުވާލާފައެވެ.