ޚަބަރު

އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގައި މިހިނގާ ޖޫން މަހުގެ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިސްލާމިކް ޔުނިވަރސިޓީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މިމަހު ފަށަން ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުުރުޞަތު އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ހުޅުވާލައިފައިވާ ކަަމަށެވެ. އެގޮތުން އެތަނުގެ ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހާ ތަކެތި، ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

އިސްލާމިކް ޔުނިވަރސިޓީން ވަނީ މި ސެމިސްޓަރގައި 56 ކޯހެއް ފެށުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިޕްލޮމާ، މާސްޓަރސްއާއި ބެޗެލަރސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިމެނެއެވެ. އަދި މުޅިން އަލަށް ފެށުމަށް ނިންމާފައިވާ މާސްޓަރސް އޮފް ޓީޗިންގް އެންޑް ލަރނިން، އެޑްވާންސް ސެޓްފިކެޓް އިން އިންގްލިޝް ފޯ ޓްރެވަލް އެންޑް ޓޫރިޒަމް އަދި އެޑްވާންސް ސެޓިފިކެޓް އިން އިސްލާމިކް ފައިނޭންސް ހިމެނެއެވެ.

މީގެ އިތުރުން ކުރިން ކިޔަވައިދެމުން ދިޔަ ޤިރާއަތު ކޯސް ލެެވަލް 1،2،3 ގެ ކޯސްތައް ވެސް ޒަމާނީ ގޮތަކަށް ފަރުވާ ކުރެވިފައިވާ ކަމަށް އިސްލާމިކް ޔުނިވަރސިޓީން ބުނެއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތަކާއި ބެހޭ ހުރިހާ މަޢުލޫމާތެއް ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި، ޔުނިވަރސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ޔުނިވާސިޓީން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން އެހެނިހެން މަޢުލޫމާތު ސާފުކުރެއްވުމަށް އިސްލާމިކް ޔުނިވަރސިޓީގެ ހޮޓްލައިން ނަމްބަރު 3022124 އަދި 3022125 ނަންބަރަށް ގުޅާލެއްވުމުން ލިބިވަޑައިގަންނަވާނެ ކަމަށް އިސްލާމިކް ޔުނިވަރސިޓީން ބުނެއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ދަނީ އިސްލާމިކް ފައިނޭންސާއި ޝަރީއާ އެންޑް ލޯ އާއި އެޑިއުކޭޝަން، ލީޑަރޝިޕް، ޤުރުއާން، އިސްލާމިކް ސްޓަޑީސް އަދި އަރަބި ބަހުގެ ދާއިރާއިން ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކޯސްތައް ހިންގަމުންނެވެ.