ކުޅިވަރު

ފީފާ ވަރލްޑްކަޕް: ޕޮލެންޑް - ސެނަގާލް


ސާދިއޯ މާނޭ އަކީ ސެނަގާލްގެ ތާރީޚުގައި އުފެދުނު ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާއަކީ މިހާރު ޓީމުގައި ހުރި އެންމެ މުހިއްމު ކުޅުންތެރިއާ ކަމަށް ސެނެގާލްގެ ކޯޗު އަލޫ ސީސޭ ބުނެފިއެވެ.

ފީފާ ވަރލްޑް ކަޕްގައި މިރޭ ގްރޫޕް އެޗުގައި ސެނެގާލް އާއި ޕޮލެންޑް ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ސިސޭ ބުނީ މާނޭ ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ދުނިޔޭގެ ނަންމަޝްހޫރު މޮޅު ކުޅުންތެރިއެއްގެ މަޤާމް ހޯދާފައި ވީނަމަވެސް މީގެ ހަތް އަހަރުކުރިން ސީސޭއާއި ދިމާވިއިރުވެސް މާނޭ މިޒާޖުގައި ހުރި ލަދުވެތިކަމާއި ހިތްތިރިކަން އަދިވެސް އެބަހުރިކަމަށެވެ.
2002 ވަނަ އަހަރުގެ ވަރލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ސެނެގާލް ކުޅުނު އިރު އޭރު ޓީމުގެ ކެޕްޓަންގެ މަޤާމްގައި ހުރި މިހާރުގެ ޓީމުގެ ކޯޗު އަލޫ ސިސޭ ބުނީ 2002 ވަނަ އަހަރުގެ ވަރލްޑް ކަޕުގައި ސެނެގާލް ޓީމުން މުޅި ޤައުމަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދިން ކަމަށާއި މިހާރުގެ މިއޮތް ޓީމަކީވެސް އެއަޒުމުގައި މަސައްކަތްކޮށް އެކަން ހާސިލްކުރެވޭ ވަރުގެ ޓީމެއް ކަމަށެވެ.

ސެނެގާލް އާއި ބައްދަލުކުރާ މެޗުގެ ކުރިން ޕޮލެންޑްގެ ކޯޗު އެޑަމް ނަވަލްކާ ބުނީ ޕޮލެންޑް ޓީމަކީ ހަމައެކަނި ރޮބާޓް ލެވަންޑޮއުސްކީ ނޫންކަމަށެވެ. ނަވަލްކާ ބުނީ ލެވަންޑޮއުސްކީއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ މޮޅު ކުޅުންތެރިއެއް އަދި މޮޅު ލީޑަރެއް ކަމަށެވެ.
އެހެންނަމަވެސް ޕޮލެންޑް ޓީމުގައި ލެވަންޑޮއުސްކީގެ އިތުރުންވެސް މޮޅު ކުޅުންތެރިން ތިބިކަން ނަވަލްކާ ވަނީ ފާހަގަކޮށްފައެވެ.

ފީފާ ވަރލްޑް ކަޕް ގްރޫޕް އެޗްގައި މިރޭ ޕޮލެންޑާއި ސެނެގާލް ބައްދަލުކުރަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ރޭގަނޑު އަށެއް ޖަހާއިރުއެވެ. ޕީއެސްއެމް ކަވަރޭޖްގެ ޕްރީ ޝޯވ 7 ޖަހާއިރު ފަށާނެއެވެ.