ޚަބަރު

އޭއޯ ނިއުސްގެ މަދަޙަ މުުބާރާތް ނިންމާލައިފި


އޭއޯ ނިއުސް ގެފަރާތުން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އައްޑޫސިޓީގައި ބާއްވާ "އޭއޯ މަދަޙަ މުބާރާތް"ގެ 4 ވަނަ މުބާރާތް ނިންމާލައިފިއެވެ. މިމަހު 16 އިން 17 އަށް ކުރިއަށްގެންދިޔަ މަދަޙަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވެވީ އައްޝައިޚް އިލްޔާސް ޙުސައިން އެވެ.

2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ މިމަދަޙަ މުބާރާތުގެ މައިގަނޑު މަޤުޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުމަށްކަމަށް އޭއޯއިން ބުނެއެވެ.

5 ޢުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތަށް ހުށަހެޅިފައިވާ އިނާމުތަކުގެ ތެރޭގައި 2 ޢުމްރާ ދަތުރާއި، ޗައިނާ ވިންޓަރ ކޭމްޕް ޓުއާ އެއްގެ އިތުރުން މެލޭޝިއާ ސްޓަޑީ ޓުއާއެއް ހިމެނެއެވެ. އަދި މުބާރާތުގެ އެންމެ ގަދަ 5 ބައިވެރިންނަށް އެއްދުވަސް އީކުއޭޓަރ ވިލެޖްގައި ހޭދަކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށްވެސް އޭއޯއިން ބުނެއެވެ.

މިއަހަރުގެ މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ މިދާއިރާގައި ތަޖުރިބާކާރު ދެބޭފުޅުންކަމަށްވާ މުޙައްމަދު ސުހައިލް އާއި މުޙައްމަދު އަރީފެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އޭއޯގެ ސީއީއޯ ޝިމްލާ އަހްމަދު ވިދާޅުވީ، އޭއޯ މަދަޙަ މުބާރާތަކީ އައްޑޫސިޓީގައިާ ބާއްވ އެންމެ ބޮޑު މުބާރާތްކަމަށާއި އެންމެ ފުރަތަމަ އަހަރު މި މުބާރާތުގައި ބައިވެރި ވެފައިވަނީ 45 ކުދިންކަމަށެވެ. އެހެން ނަމަވެސް މިއަހަރު 140 ކުދިން ބައިވެރިވިކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ބޮޑު މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ ސްކޫލް މުބާރާތުގައި ބައިވެރިވުމުގެ އިތުރުން އެކުދިންގެ ހުނަރު ބޮޑު ޕްލެޓްފޯރމެއްގައި ދައްކާލުމަށް ފުރުޞަތު ހޯދައިދިނުންކަން ޝިމްލާ ފާހަގަކުރެއްވިއެވެ. އައްޑޫސިޓީގެ ހުރިހާ ރަށްތަކުން ބައިވެރި މި މުބާރާތް ވަރަށް ފުރިހަމަ ކަމާއެކު ނިމިގެން ދިޔުމުގައި ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ބޮޑުކަންވެސް ޝިމްލާ ފާހަގަކުރެއްވިއެވެ.

ބޮޑެތި އިނާމުތަށް ހިމެނިފައިވާ މި މުބާރާތުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް އޭއޯ މަދަޙަ މުބާރާތުގައި ބައިވެރިވި ކަމުގެ ހަނދާނީ ލިޔުން އެ ސެޝަން ނިމުމުން ބައިވެރިންނާވަނީ ޙަވާލުކޮށްފައެވެ. އަދި މުބާރާތުގެ ވަނަތަކަށް ހޮވިފައިވާ ކުދިންނަށް އިނާމު ދިނުމުގެ ރަސްމީޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.