ޚަބަރު

ބަންދަށް ފަހު 2ވަނަ ޓާމުގެ ކިޔެވުން ފަށައިފި


ފުރަތަމަ ޓާމުގެ ޗުއްޓީ އާއި ފިޠުރު ޢީދު ބަންދަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފިއެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ރިޕޯޓް ފޯމްތައް ދޫކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.
81000 ދަރިވަރުންނާއެކު މިއަހަރުގެ ދިރާސީ ކިޔެވުންފެށީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. މީގެ ތެރޭގައި މިއަހަރު ޕްރީ ސްކޫލާ އަލަށް ގުޅުނު 7600 ދަރިވަރުންނާއި ގްރޭޑް އެކަކަށް ބަދަލުވި 7682 ދަރިވަރުން ހިމެނެއެވެ. މި ދަރިވަރުންނަށް ކިޔަވައިދިނުމަށް 8500 އަށްވުރެ ގިނަ ޓީޗަރުން މިއަހަރު ޙަރަކާތްތެރިވަމުންދާއިރު ދިވެހި ޓީޗަރުން ނިޞްބަތުން ގިނައެވެ. އެއީ 6500 ދިވެހި ޓީޗަރުންނެވެ. މީގެތެރޭގައި ޕްރީ-ސްކޫލްއަށް ކިޔަވައިދިނުމަށް އަލަށް ގުޅުނު 601 ޓީޗަރުން ހިމެނެއެވެ. ނިޞްބަތުން ބަލާއިރު މިއީ ކޮންމެ 10 ދަރިވަރަކަށް 1 ޓީޗަރެކެވެ.
ދެވަނަ ޓާރމްގެ ކިޔެވުން ފަށާފައިވާއިރު ފުރަތަމަ ޓާމްގެ ކިޔެވުން ނިމި ރިޕޯޓް ފޯމް ދިނުމަށްފަހު ސްކޫލްތައް ޗުއްޓީއަށް ގޮސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. 10 ދުވަހުގެ ޗުއްޓީއަށްފަހު ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައިވާއިރު ދެވަނަ ޓާމު ވެގެންދާނީ ތަޢުލީމީ ދާއިރާގައި އެންމެ ބޮޑު ބަދަލެއް އަންނާނެ ޓާމަކަށެވެ. އެއީ ދެވަނަ ޓާމުގެ ކިޔެވުމާއެކު ސްކޫލްތަކުގައި ޓެބްލެޓްތައް ބޭނުންކުރަން ފަށާނެއެވެ.
ކޮންމެ ދިރާސީ އަހަރެއްގައިވެސް ކިޔަވައިދިނުމަށް ދެ ޓާމު ކަނޑައަޅާފައިވާއިރު ފިލާވަޅުތައް މުޠާލިޔާ ކުރުމަށާއި އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ ޓާމެއްގައިވެސް މިޑް ޓާރމް ބްރޭކެއްގެ ގޮތުގައި އެއް ހަފްތާ ޗުއްޓީ ލިބެއެވެ. އެގޮތުން މިއަހަރުގެ ދެވަނަ ޓާމުގެ މިޑް ބްރޭކަށް ސްކޫލްތައް ބަންދުވާނީ އޯގަސްޓް މަހުގެ 19 ވަނަދުވަހުއެވެ.
ގްރޭޑް 10 އަދި 12 ގެ ދަރިވަރުންނަށް އޯލެވެލް އަދި އޭލެވެލް އިމްތިހާނަށް ތައްޔާރުކުރުމަށް ބާއްވާ މޮކް އެގްޒާމް 28 އޯގަސްޓްއިން 10 ސެޕްޓެމްބަރަށް ބާއްވާނެއެވެ. މިއަހަރުގެ އޯލެވެލް އަދި އޭލެވެލް އިމްތިޙާން އޮންނާނީ އޮކްޓޯބަރު މަހުގައެވެ. އަދި ދެވަނަ ޓާރމްގެ ޓެސްޓް އޮންނާނީ އޮކްޓޯބަރުމަހުގެ 28 ން 15 ނޮވެމްބަރަށެވެ. ދެވަނަ ޓާމުގެ ކިޔެވުން 22 ނޮވެމްބަރުގައި ނިމޭއިރު ދަރިވަރުންގެ ޗުއްޓީ ފެށޭނީ 25 ނޮވެމްބަރުގައެވެ. ދެވަނަ ޓާމުގައިވެސް ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ ދުވަސްތަކާއި ރާއްޖޭގައި ފާހަގަކުރާ ދުވަސްތައް ސްކޫލު ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ކުޅިވަރު މުބާރާތްތަކާއި ތަޢުލީމާ ގުޅޭ ހަރަކާތްތައްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
2019 ވަނަ އަހަރުގެ ދިރާސީ ކިޔެވުމަށް ޓީޗަރުން ރިޕޯޓް ކުރަންޖެހެނީ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހެވެ. އަދި އަންނަ އަހަރުގެ ދިރާސީ ކިޔެވުން ފަށާނީ 13 ޖެނުއަރީގައެވެ.