ކުޅިވަރު

އިއްޔެ ކުޅުނީ ވަރަށް ގޯސްކޮށް، އެކަމަކު ސްޓައިލް ބަދަލެއް ނުކުރާނަން: ލޯ


މެކްސިކޯ އަތުން ރޭ ޖަރުމަނު 1-0އިން ބަލިވި މެޗުގައި ދެއްކީ ވަރަށް ގޯސް ކުޅުމެއް ކަމަށާއި ނަމަވެސް ޖަރުމަނުގެ ސްޓައިލް ބަދަލު ނުކުރާނެ ކަމަށް އެންމެ ފަހުގެ ޗެމްޕިއަން ޓީމުން ބުނެފި އެވެ.

ކޯޗު ޖޯހިމް ލޯ ބުނީ ދެ ވަނަ ހާފަށްވުރެ ފުރަތަމަ ހާފުގެ ކުޅުން ގޯސް ކަމަށެވެ.

"އަހަރުމެންގެ އެޓޭކާއި ޕާސް ކުރުން ވަރަށް ގޯސް ފުރަތަމަ ހާފުގައި. ދެ ވަނަ ހާފުގައި އަހަރުމެން ކުރިއަށްޖެހި ހަމަލާތައް އުފެއްދި. އެކަމަކު (ލަނޑު ޖެހުމާއެކު) މެކްސިކޯ ފަހަތަށް ޖެހުނު. މިހާރު މި އޮތީ އަހަރުމެން ކުރިއަށް އޮތް މެޗުން މޮޅުވާން މަޖުބޫރުވެފައި. އެކަން ކުރެވޭނެ،" ކޯޗު ބުންޏެވެ.

މިއީ ފަހަކަށް އައިސް ޖަރުމަނު ވޯލްޑް ކަޕުގެ ފުރަތަމަ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. ނަމަވެސް ކޯޗު ބުނީ އޭނާގެ ކުޅުންތެރިންނަށް ބަލިވުމުން ކުރިއަށް ދިއުމުގެ ހިތްވަރު ހޯދޭނެ ކަމަށެވެ.

"އަހަރުމެންގެ ޓީމުގައި ބަލިވުމުގެ އެކަމާ ކުރިމަތިލާން އެނގޭ ވަރަށް ތަޖުރިބާ އެބަހުރި. އެހެންވީމާ އަހަރުމެންގެ ސްޓައިލް ބަދަލެއް ނުކުރާނަން. އަހަރުމެން ވިސްނާނީ މެޗުގައި އަހަރުމެންނަށް ރަނގަޅަށް ކުރެވުނު ކަންތައްތަކަށް ވިސްނައިގެން ކުޅެން. އަހަރުމެންގެ ގޭމް ކުޅެފިއްޔާ އަހަރުމެންނަށް މެޗޔު ކާމިޔާބު ކުރެވޭނެ،" 2006 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ކޯޗު ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ބަލިވުމަކީ ލިބުނު ދެރައެއް ކަމަށް ވެސް ލޯ ބުންޏެވެ.