ކުޅިވަރު

ރަފޭލް މާކޭޒް ޝަރަފުވެރިއަކަށް!


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފަސް ފަހަރު ކުޅުނު ތިން ވަނަ ކުޅުންތެރިޔާގެ ޝަރަފު މެކްސިކޯގެ ކެޕްޓަން ރަފޭލް މާކޭޒް ހޯދައިފި އެވެ.

އޭނާ އަށް މި ޝަރަފު ލިބުނީ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު އަތުން 1-0އިން މޮޅުވި މެޗުގެ 74 ވަނަ މިނިޓްގައި ކުޅެން ނުކުތުމުންނެވެ.

ފަސް ވޯލްޑް ކަޕުގައި ކުޅުމުގެ ޝަރަފު ކުރިން އޮންނަ ދެ ކުޅުންތެރިންނަކީ މެކްސިކޯގެ އެންޓޯނިއޯ ކަބަހާލް އާއި ޖަރުމަނުގެ ލޮތާ މަތެއަސް އަށެވެ.

"އަހަރެން ނުވިސްނަން ފަސް ވަނަ މުބާރާތާމެދު. އަހަރެން ދަނޑަށް ނުކުތީ އަހަރުމެން މޮޅުވާން ދަނިކޮށް ޖަރުމަނުގެ އެޓޭކް ވަރުގަދަ ކުރި ވަގުތެއްގައި ޓީމު ދިފާއު ކުރަން. އަހަރެން ވިސްނީ އަހަރެންގެ ވަޒީފާ އަދާކުރަން،" މެޗަށް ފަހު މާކޭޒް ބުންޏެވެ.

އުމުރުން މިހާރު 39 އަހަރުގެ މާކޭޒް ވޯލްޑް ކަޕަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލާނެ އެވެ. އޭނާއަކީ ސްޕޭނުގެ ބާސެލޯނާއާއެކު ދެ ފަހަރެއްގެ މަތީން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ވަރުގަފަ ޑިފެންޑަރެކެވެ.