ކުޅިވަރު

މެސީ ބަނުމަށް ކްރޮއޭޝިޔާ ކޯޗު ރަކިޓިކްގެ އެހީ ހޯދަނީ!


ބުރާސްފަތި ދުވަހު އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގައި އެ ޓީމުގެ ކެޕްޓަން ލަޔޮނަލް މެސީ ބަނުމަށް އޭނާއާއެކު ބާސެލޯނާ އަށް ކުޅޭ ކްރޮއޭޝިޔާ މިޑްފީލްޑަރު އިވާން ރަކިޓިކްގެ އެހީ ހޯދަން ކްރޮއޭޝިޔާ ކޯޗު ނިންމައިފި އެވެ.

"އެއްވެސް ޝައްކެތްނެތް. ކުރިއަށް އޮތް ތިން ދުވަހު އަހަރެންގެ އެސިސްޓެންޓަކީ ރަކިޓިކް. އަހަރެން ބޭނުން މެސީ ހުއްޓުވާނެ ގޮތާމެދު އޭނާއާ މަޝްވަރާކުރަން. އޭނާގެ ހިޔާލު ހޯދައި ތައްޔާރުވާން. އަހަރެން ލޯބިކުރަން އަހަރެންގެ ކުޅުންތެރިންނާ މަޝްވަރާކުރަން އަބަދުވެސް. ރަކިޓިކް ވެސް އެގޮތް ބޭނުންވާނެ. އޭނާ އަހަންނަށް ކިޔައިދީ ހިޔާލު ދޭނެ،" ކޯޗު ލަޓްކޯ ޑަލިކް ބުންޏެވެ.

ކޯޗު ބުނީ މެސީ ހުއްޓުވާނެ ގޮތަކާމެދު ރަކިޓިކްގެ އިތުރުން ކްރޮއޭޝިޔާ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗާއި މަޓެއޯ ކޮވަސިޗާ ވެސް މަޝްވަރާކުރާނެ ކަމަށެވެ. މި ދެ ކުޅުންތެރިންނަކީ ބާސެލޯނާއާ ވާދަވެރި ރެއާލް މެޑްރިޑުގައި މެސީ އާ ދެކޮޅަށް ގިނަ މެޗުތަކެއް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ.

"އެދެމީހުން ތިބީ އޭނާއާ ދެކޮޅަށް ވަރަށް ގިނައިން ކުޅެފައި. ރެއާލްގެ (ކުރީގެ) ކޯޗު ޒައިނުއްދީން ޒިދާން ވެސް ވަނީ މިފަދައިން އަމަލުކޮށްފައި،" ކޯޗު ބުންޏެވެ.

ނަމަވެސް ޑަލިކް ބުނީ މެސީ ހުއްޓުވުމަކީ ފަސޭހަކަމެއްނޫން ކަމަށާއި އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.

"އޭނާ ރޭގައި (އިއްޔެނޫން ކުރީ ދުވަހު އައިސްލޭންޑާ ދެކޮޅަށް) 10 ޝޮޓް ނެގި. އޭނާ ހުއްޓުވަމަކީ ފަސޭހަކަމެއްނޫން. އެކަމަކު ވެސް ހުސްތަން ބައްދައިގެން އޭނާ ހުއްޓުވަންޖެހޭ. މިއީ އެއްގޮތަކަށް ވެސް ފަސޭހަ ކަމަކަށްނުވާނެ،" ޑަލިކް ބުންޏެވެ.

މި މެޗަކީ އާޖެންޓީނާ އަށް ވަރަށް މުހިންމު މެޗެކެވެ. ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި އައިސްލޭންޑާ ކުޅެ އެއްވަރުވުމުން ގްރޫޕުގެ ފަހު މެޗުގައި ނައިޖީރިއާ ދެކޮޅަށް ނުކުތުމުގެ ކުރިން މި މެޗުން އާޖެންޓީނާ އަށް ތިން ޕޮއިންޓް ހޯދުން މަޖުބޫރެވެ.