ކުޅިވަރު

ސްޓައިލް ބަދަލުނުކޮށްފިނަމަ ސަމްޕޯލީއަށް އާޖެންޓީނާއަށް ނޭރޭނެ : މަރަޑޯނާ


އާޖެންޓީނާއިން ވޯލްޑް ކަޕުގައި ކުޅޭ ކުޅުން ކަމަކުނުދާ ކަމަށާއި މިހާރު ކުޅޭ ސްޓައިލް ބަދަލުކޮށް ރަނގަޅު ކުޅުމެއް ނުދައްކައިފިނަމަ ޓީމުގެ ކޯޗު ޖޯޖް ސަމްޕޯލީއަށް އާޖެންޓީނާއަށް ނޭރޭނެކަމަށް ކުރީގެ ތަރި ޑިއެގޯ މަރަޑޯނާ ބުނެފި އެވެ.

އައިސްލޭންޑް އަތުން އާޖެންޓީނާ 1-1އިން އެއްވަރުވި މެޗު ބަލަން މަރަޑޯނާ ދަނޑުގައި އިނެވެ. އޭނާ އަކީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިން ކެޕްޓަން އަދި ފަހުން ޓީމުގެ ކޯޗުކަން ވެސް ކޮށްފައިވާ އެގައުމުގެ އެންމެ ވަރުގަދަ ޝަހުސިއްޔަތެވެ.

"މިއީ މާޔޫސްވާ ކަމެއް. އައިސްލޭންޑަކީ (އެވްރެޖްކޮށް) 1.90 މީޓަރު ދިގު ބައެއްކަން ނޭނގި މެޗަށް ތައްޔާރުވުމަކީ ވަރަށް ބޮޑު މާޔޫސްކަމެއް. އަހަންނަށް ހީވަނީ ޖުމުލަކޮށް މުޅި އެންމެންވެސް މިކަމާ ހިތްހަމަނުޖެހޭހެން. މި ގޮތަށް ކުޅެންޏާ އޭނާ (ކޯޗަށް) އެނބުރި އާޖެންޓީނާއި އަކަށް ނޭދެވޭނެ،" މަރަޑޯނާ ބުންޏެވެ.

އައިސްލޭންޑް އަތުން އާޖެންޓީނާ މޮޅުވާން ޕެނަލްޓީ އެއްވެސް ލިބުނެވެ. ނަމަވެސް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަދި ކެޕްޓަން ލަޔޮނަލް މެސީ ޖެހި ޕެނަލްޓީ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

"އަހަރެން ކުޅުންތެރިން ގޯސް ނުކުރާނަން. އަހަރެން ގޯސް ކުރާނީ ޓީމުގެ ވޯކް ރޭޓް. މެސީ ނެތްނަމަ ކާކުބާ އެހުރިހާ ބޯޅަތަކެއް (އެހެން ކުޅުންތެރިންނަށް) ދޭނީ؟." މަރަޑޯނާ ސުވާލު ކުރި އެވެ.

އޭނާ ބުނީ މެސީ އަތުން ޕެނަލްޓީ ނާކާމިޔާބުވުމަކީ ބަލިވި މައިގަނޑު ސަބަބު ނޫން ކަމަށެވެ.

"އަހަރެން އަތުން ނާކާމިޔާބުވި ފަސް ޕެނަލްޓީ. ރަނގަޅަށް ނުޖެހިގެން. އެކަމަކު އަހަންނަކީ އަދިވެސް ޑިއެގޯ މަރަޑޯނާ. އަހަންނަކަށް ހިއެއްނުވޭ އާޖެންޓީނާ އަށް ދެ ޕޮއިންޓް ގެއްލުނީ މެސީ އަތުން ޕެނަލްޓީ ނާކާމިޔާބުވެގެންހެން،" މަރަޑޯނާ ބުންޏެވެ.

މުބާރާތުގެ ދެ ވަނަ މެޗުގައި އާޖެންޓީނާ ބުރާސްފަތި ދުވަހު ކުޅޭނީ ކްރޮއޭޝިޔާއާ ދެކޮޅަށެވެ.