ކުޅިވަރު

ނުރައްކަލަށް ހުށަހެޅިއްޖެ! އަހަރުމެން މިތިބީ ޕްރެޝަރުގައި: ޖަރުމަނު ކުޅުންތެރިން


މެކްސިކޯ އަތުން 1-0އިން ބަލިވުމަކީ ޖަރުމަނު ނިދިން ހޭލަން ޖެހިއްޖެކަމުގެ އިންޒާރެއް ކަމަށާއި މި ބައްޔާއެކު ޓީމު ޕްރެޝަރަށް ވެއްޓިއްޖެކަމަށް ޖަރުމަނުގެ ކުޅުންތެރިން ބުނަން ފަށައިފި އެވެ.

ވޯލްޑް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު މުބާރާތުގެ ފުރަތަމަ މެޗުން ބަލިވީ ކުޅުންތެރިން ގަބޫލު ކުރާ ގޮތުގައި އެމީހުންނަށް މާބޮޑަށް ފަރުވާކުޑަކޮށްލެވުމުންނެވެ.

"އަހަރުމެންނަށް ގިނަ ގޯސްތަކެއް ހެދުނު. މެކްސިކޯ ކައިރީގައި ކުޅެން ނުޖެހޭ ގޮތް އެނގިތިބެ އަހަރުމެންނަށް މެޗު މާބޮޑަށް ފަސޭހަކޮށްލެވުނީ. ހަގީގަތުގައި މިއީ އަހަރުމެންން ނިދިން ހޭލައްވަން ދިން އިންޒާރެއް،" ޑިފެންޑަރު މެސުޓް ހުމެލްސް ބުންޏެވެ.

މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނީ ވޯލްޑް ކަޕަށް ކޮލިފައިވާން ކުޅުނު އެންމެ ފަހު މެޗުގައި ސައޫދީ އަރަބިއާ އަތުން ޖަރުމަނު މޮޅުވީ ކިރިޔާ ކަމަށާއި އެއީ ވެސް "ހަގީގަތުގައި އެމީހުންނަށް ލިބުނު އިންޒާރެއް،" ކަމަށެވެ.

"މިހާރު އަހަރުމެން މިތިބީ ވަރަށް ޕްރެޝަރުގައި. ކުރިއަށް އޮތް ދެ މެޗުން މޮޅުވާން ޖެހޭ އަހަރުމެން މުބާރާތުގައި ކުރިއަށްދާން. ހަ ޕޮއިންޓް ހޯދުން އެންމެންގެ ވެސް އަމާޒަކީ،" ކްރޫސް ބުންޏެވެ.

ވޯލްޑް ކަޕުގައި ޖަރުމަނަށް ދެން އޮންނާނީ ހޮނިހިރު ދުވަހު ސްވިޑްންއާ ދެކޮޅަށް ކުޅެން ޖެހޭ މެޗާއި މި މަހުގެ 27ގައި ދެކުނު ކޮރެޔާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.