ކުޅިވަރު

ރެކޯޑް ރޮނާލްޑޯ އަށް ދިނުމުން އަސަމޮއާ ގިއާން ރުޅިގަދަވެއްޖެ


ބޮޑު މުބާރާތްތަކުގެ ތެރެއިން ޖެހިޖެހިގެން އަށް މުބާރާތުގައި ގޯލު ޖެހި ކުޅުންތެރިއަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް މީޑިޔާތަކުން ރިޕޯޓް ކުރަން ފެށުމުން ގާނާގެ އަސަމޮއާ ގިއާން އެކަމާ ރުޅި އަތުވެއްޖެ އެވެ.
ދުނިޔޭގެ މީޑިޔާތަކުން ބުނަމުންދަނީ ވޯލްޑް ކަޕާއި ޔޫރޯ އަދި ސަރަހައްދީ މުބާރާތްތަކުގެ ތެރެއިން އަށް މުބާރާތެއްގައި ރޮނާލްޑޯ ގޯލު ޖެހުމަކީ ރެކޯޑެއް ކަމަށެވެ. ޕޯޗުގަލްގެ ކެޕްޓަނަކަށް މި ރެކޯޑް ލިބުނީ ވޯލްޑް ކަޕުގައި އިއްޔެރޭ ސްޕޭން ކޮޅަށް ލަނޑު ޖެހުމުން ކަމަށެވެ.
ނަމަވެސް ގާނާގެ ކެޕްޓަން ވަނީ މިއީ ދޮގެއް ކަމަށް ބުނެ އޭނާގެ ޓުވިޓާ އެކައުންޓްގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
"މީހުން އަހަރެންގެ ކާމިޔާބީ، ރެކޯޑް އިހްތިރާމްކުޑަކޮށްފި. އަހަރެން ސާފުކޮށްދޭން ބޭނުންވަނީ އަހަރެންނަށް ދޭން ޖެހޭ ގަދަރު ނުދިނަސް އަހަރެންގެ ރެކޯޑް އަބަދަށް ދެމިއޮންނާނެ ވާހަކަ،" ގިއާން ބުންޏެވެ.
އޭނާ ވަނީ ނުވަ މުބާރާތެއްގައި ގޯލު ޖަހާފައި ކަމަށް ވެސް ގިއާން ބުންޏެވެ. އެއީ ވޯލްޑް ކަޕުގެ ތިން މުބާރާތާއި އެފްރިކަން ނޭޝަންސް ކަޕުގެ ހަ މުބާރާތެއްގަ އެވެ.
ގިއާން ވަނީ ގާނާގެ ގައުމީ ޓީމަށް 106 މެޗުން 51 ގޯލު ޖަހާފަ އެވެ.