ކުޅިވަރު

އިރާން ކުޅުންތެރިން ނައިކް ކުންފުނި ދެކެ ރަތަށް!


އިރާނަށް ކުޅިވަރު ސާމާނު ސަޕްލައިކުރުން އެމެރިކާގެ މަޝްހޫރު ނައިކް ކުންފުނިން ހުއްޓާލުމުން އެ ޤައުމުގެ ކުޅުންތެރިން ރުޅި ފަޅައިގެން ހިނގައްޖެއެވެ.
ޓީމުގެ އަރިމަތިން ކުޅޭ އަލީ ރިޒާ ބުނީ އޭނާގެ ނަޒަރުގައި ނައިކް ކުންފުނީގެ ނިންމުމަކީ ވަރަށް ބޮޑު ބޭއިހްތިރާމެއް ކަމަށެވެ.

"އަހަރުމެން މިކަމާމެދު ބައްދަލުވުމެއް ބޭއްވިން. އަހަރުމެން ދެކޭ ގޮތުގައި ނައިކް ކުންފުނީގެ ނިންމުމަކީ ވަރަށް އިހްތިރާމް ކުޑަކުރުން. މިއީ ވަރަށް ދެރަކޮށްވެފައިވާ ކަމެއް. އަހަރުމެން މިއުޅެނީ ފުޓްބޯޅަ ކުޅެން. އަހަރުމެން ނޫޅެން ސިޔާސީ ކަމެއްގައި ބައިވެރިވާކަށް،" އަލީ ރިޒާ ބުންޏެވެ.

އިރާނުގެ ކޯޗު ޕޯޗުގަލްގެ ކާލޮސް ކުއިރޯޒް ވެސް ވަނީ މިކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އޭނާ ބުނީ ކުޅުންތެރިންނަށް ބޭނުންވާ ބޫޓާއި އެނޫން ވެސް ސާމާނުތައް ނެތުމުން ގިނަ މެޗުތަކެއް ވެސް ނުކުޅެވިފައިވާ ކަމަށެވެ.

"މިއީ ސިޔާސީ ކަމެއްނޫން. މި ކުދިން މިއުޅެނީ ފުޓްބޯޅަ ކުޅެން. ސިޔާސީ އަދި ސަރަހައްދީ ހަމަނުޖެހުމަކީ އެހެން ކަމެއް. ފުޓްބޯޅަ ކުޅެން އުޅޭ ކުދިބަޔަކަށް އެފުރުސަތު ދޭންވާނެ. އަހަރުމެންނަށް ކުޅޭނެ ދަނޑެއްނެތް. ބޫޓެއްނެތް. ޕްރެކްޓިސް ކުރަނީ ވަރަށް ހާލުގައި،" ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑްގައި ވެސް މަސައްކަތް ކުރި ޕޯޗުގަލްގެ ކުރީގެ ޤައުމީ ކޯޗު ބުންޏެވެ.

އިރާނަށް ބޫޓު ސަޕްލައި ކުރުން ނައިކް ކުންފުނިން ހުއްޓާލީ އެކުންފުނި ނިސްބަތްވާ އެމެރިކާ އާއި އިރާނާ ދެމެދު އުފެދިފައިވާ ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ.