ކުޅިވަރު

މެސީ ޕެނަލްޓީ ޖަހާނެގޮތް ދަސްކުރިން: އައިސްލޭންޑް ކީޕަރު


އިއްޔެގެ މެޗަށް ނުކުތުމުގެ ކުރިން ލަޔޮނަލް މެސީ ޕެނަލްޓީ ޖަހާނެގޮތް ދަސްކުރިކަމަށް އައިސްލޭންޑްގެ ކީޕަރު ހާނެސް ހަލްޑޯސަން ބުނެފިއެވެ.
އާޖެންޓީނާ އާއި އައިސްލޭންޑް 1-1 ން އެއްވަރުވި މެޗަށް ފަހު އޭނާ މިހެން ބުނީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީ ޖެހި ޕެނަލްޓީ ދިފާއު ކުރުމަށްފަހުއެވެ.

"އަހަރެން އޭނާގެ ވަރަށް ގިނަ ޕެނަލްޓީތައް ޖަހާފައިވާ ގޮތް ގޭގައި އިނދެ ބެލިން. އެއީ އަހަންނަށް ވިސްނުނު މިއީ ކުރިމަތިވެދާނެ ކަމެއްކަން. (މެޗުގައި) އަހަރެން ނިންމިން މެސީ ޖަހާނީ އަހަރެންގެ ކަނާތް ފަރާތަށް ކަމަށް. އޭނާ ގިނަ ޕެނަލްޓީ ޖަހާފައިވަނީ ކަނާތަށް،" ހަލްޑޯސަން ބުންޏެވެ.

އުމުރުން 34 އަހަރުގެ ކީޕަރު ބުނީ މެސީގެ ޕެނަލްޓީ މަތަކުރެވުމަކީ ހުވެފެން ހަޤީގަތަކަށްވުން ކަމަށާއި، ހާއްސަކޮށް މެޗުން ޕޮއިންޓެއް ލިބުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.

"އަހަރުމެން (ދެވަނަ ބުރަށް) ކޮލިފައިވުމަށް މިއީ ވަރަށް މުހިންމު ޕޮއިންޓެއް. އެހެންވީމަ ވެސް ވަރަށް ބޮޑަށް އުފާވެއްޖެ،" ހަލްޑޯސަން ބުންޏެވެ.

ކުލަބަށާއި ޤައުމީ ޓީމަށް މެސީ އެންމެ ފަހުން ޖެހި 7 ޕެނަލްޓީގެ ތެރެއިން ގިނަ ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފަ އެވެ.