ކުޅިވަރު

މެސީއަށް ޕެނަލްޓީއެއް ނުޖެހުނު، އައިސްލެންޑް އަތުން އާޖެންޓީނާ މޮޅެއްނުވި!


ކުޑަކުޑަ އައިސްލެންޑް އަތުން މޮޅު ނުވެވި، އާޖެންޓީނާއަށް ޕްރެޝަރު ކުރިމަތިވެއްޖެއެވެ.

1-1 ން މެޗު އެއްވަރުވެ، އިތުރު ޕްރެޝަރު ކުރިމަތިވީ ކެޕްޓަން ލަޔަނަލް މެސީއަށް ޕެނަލްޓީ ކާމިޔާބުނުކުރެވުމުންނެވެ. ދެޓީމް 1-1 ން އެއްވަރުވެފައިވަނިކޮށް، ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީ މެސީ ފޮނުވާލުމުން އައިސްލެންޑް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ސާޖިއޯ އަގުއޭރޯ އާޖެންޓީނާއަށް ކުރި ހޯދައިދިނީ 19 ވަނަ މިނިޓްގައެވެ. ނަމަވެސް ލީޑްގައި އާޖެންޓީނާއަށް އޮވެވުނީ އެންމެ ތިން މިނިޓެވެ. ފިންބޮގަސަން ވަނީ ލަނޑު ޖަހާ އައިސްލެންޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިނަތީޖާގެ ސަބަބުން މެސީއަށް ޕްރެޝަރު ބޮޑުވެ، ކޮރޭޝިޔާވެސް ހިމެނޭ ގްރޫޕްގެ ދެވަނަ ބުރަށް ދިއުމަށް އާޖެންޓީނާއަށް އުނދަގޫތަކެއް ކުރިމަތިވުމަކީ އެކަށީގެންވާކަމެކެވެ.

މެސީއަށް ޕްރެޝަރ ބޮޑުވި އެއް ސަބަބަބީ ރޭ ސްޕެއިން ކޮޅަށް ވާދަވެރި ރޮނަލްޑޯ ހެޓްރިކް ހަދާފައި ވަނިކޮށް، މެސީ އަތުން ޕެނަލްޓީ ނާކާމިޔާބުވެ، އައިސްލެންޑް އަތުން މޮޅުވެސް ނުވެވުމުންނެވެ.