ކުޅިވަރު

2026ގައި ވެސް ރޮނާލްޑޯ ގޯލު ޖަހާނެ: ސަންޓޯސް


2026 ވަނަ އަހަރުގެ ވަރލްޑް ކަޕަށް ރޮނާލްޑޯ ޓީމަށް ނެގިނަމަވެސް އޭނާ ގޯލު ޖަހާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.
އޭނާ މިހެން ބުނީ ރަޝިޔާ ވޯލްޑް ކަޕުގައި ރޭ ކުޅުނު މެޗުގައި ސްޕޭން ކޮޅަށް ރޮނާލްޑޯ ހެޓްރިކް ހެދުމުންނެވެ.

"އޭނާގެ އުމުރުންވީ ދުވަހެއް ބަލާނެކަމެއްނެތް. ޔަޤީން އޭނާ ނަގައިފިއްޔާ 2026ގެ ވޯލްޑް ކަޕުގައި ވެސް ގޯލު ޖަހާނެ. އަހަރެން އެކަން ޔަޤީންކުރަން،" ކޯޗު ބުންޏެވެ.

ޕޯޗުގަލްއަށް ޔޫރޯ 2016 ކާމިޔާބުކޮށްދިން ކޯޗު ސަންޓޯސް ބުނީ ރޮނާލްޑޯ އަކީ އާދަޔާ ހިލާފު މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާ އާއި އެހެން ކުޅުންތެރިންގެ މެދުގައި ބޮޑު ތަފާތެއް އެބަހުރި ކަމަށެވެ.

"އޭނާ މޮޅުވާން މަސައްކަތް ކުރާވަރަށް އެފެންވަރު ހުރި އެހެން ކުޅުންތެރިން މަސައްކަތް ކުރާތަން ނުފެނޭ. ރޮނާލްޑޯ އަބަދުވެސް ބޭނުންވޭ މޮޅުވާން. އޭނާގެ ނަން ދަމަހައްޓަން އޭނާ ކުރާ މަސައްކަތަށް ތައުރީފް ހައްޤު،" ކޯޗު ބުންޏެވެ.

ރޮނާލްޑޯ އަކީ ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ ދެ ކުޅުންތެރިންގެ އެއް ކުޅުންތެރިޔާ އެވެ.