ކުޅިވަރު

އުރުގުއޭ – މިސުރު މެޗަށް މީހުން މަދުވި މައްސަލަ ތަހުޤީގުކުރަނީ


ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ މިސުރު އަތުން 1-0 ން އުރުގުއޭ މޮޅުވި މެޗަށް 5000ވުރެ ގިނަ މީހުން ނުގޮސް ތިބި މައްސަލަ ފީފާއިން ތަހުޤީގު ކުރަން ފަށައިފިއެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ބުނީ މެޗު ކުޅުނު ޔެކަޓެރިންބާގް ސްޓޭޑިއަމުގެ ޖާގަ އަކީ 33061 މީހުން ކަމަށެވެ. ނަމަވެސް ޓިކެޓް ގަނެފައި ކުޅިބަލަން ދަނޑަށް ވަނީ 27015 މީހުން ކަމަށެވެ.
މި މައްސަލަ ތަހުޤީގު ކުރަން ފީފާއިން ނިންމާފައިވާއިރު އެ ޖަމާއަތުން ބުނީ މި މެޗު ކުޅުނު ސްޓޭޑިއަމަކީ ވެރިރަށް މޮސްކޯއާ އެންމެ ދުރު ސްޓޭޑިއަމް ކަމަށާއި، މެޗަށް މީހުން ނުވަނުމުގައި ގިނަ ހުރަސްތަކެއް ހުރިކަމަށް ވެދާނެ ކަމަށެވެ. މޮސްކޯ އާއި މި ދަނޑާ ދެމެދު 880 މޭލުވެއެވެ.

އެންމެ ފަހުން ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުގައި އެންމެ މަދުން ވެސް ކުޅިބަލަން މީހުން ވަދެފައިވާ އަދަގަކީ 37000 އެވެ. އަދި ފީފާގެ ރެކޯޑްތައް ދައްކާގޮތުން މިހާތަނަށް ކުޅިބަލަން އެންމެ މަދުން މީހުން ވަދެފައިވަނީ 2010 ވަނަ އަހަރު ޕެރަގުއޭ އާއި ސްލޮވާކިޔާ ކުޅުނު މެޗަށެވެ. އެ މެޗު ބަލަން ވަނީ 26643 މީހުންނެވެ.