ކުޅިވަރު

ރޮނަލްޑޯ ކެރިއަރުގެ 51 ވަނަ ހެޓްރިކް، ވަރލްޑްކަޕްގެ 51 ވަނަ ހެޓްރިކަށް!


ސްޕެއިން ކޮޅަށް ތިން ލަނޑު ޖަހައިގެން ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނަލްޑީ ރޭ ހެދި ހެޓްރިކަކީ އޭނާގެ ކެރިއަރުގެ 51 ވަނަ ހެޓްރިކެވެ. އެހެޓްރިކް ވެގެން ދިޔައީ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި އެމުބާރާތުގައި ހެދި 51 ވަނަ ހެޓްރިކަށްވެސް މެއެވެ.

ރޮނަލްޑޯގެ ހެޓްރިކް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފާހަގަކުރެވެއެވެ. މެޗުގައި ޖެހި ތިން ލަނޑާއެކު ރޮނަލްޑޯ ވެފައިވަނީ ވަރލްޑްކަޕްގައި ހެޓްރިކް ހެދި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ. ރޮނަލްޑީ ހެޓްރިކް ފުރިހަމަ ކުރިއިރު އޭނާގެ އުމުރަކީ 33 އަހަރާއި 130 ދުވަހެވެ. މިރިކޯޑް ކުރިން އޮންނަނީ 1978 ވަނަ އަހަރު އިރާން ކޮޅަށް ހެޓްރިކް ހެދި ނެދަލެންޑްގެ ރޮބް ރެންސެންބްރިންކް އަތުގައެވެ. އޭނާ ރެކޯޑް ހެދިއިރު އުމުރަކީ 30 އަހަރާއި 335 ދުވަހެވެ.

މިއީ މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ 2010 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަނުން ކޮޅަށް ބޮޑު މުބާރާތެއްގައި ކުޅުންތެރިއަކު ހެދި ފުރަތަމަ ހެޓްރިކްވެސްމެއެވެ. މިއާއެކު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމް 5 ފަހަރު ހޯދާފައިވާ ރޮނަލްޑޯއަށްވެސް މިހެޓްރިކް ވަރަށް ޚާއްޞައެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި މިއީ އޭނާގެ ކެރިއަރުގެ އެންމެ ފުރިހަމަ ހެޓްރިކެވެ.

" އަހަރެން މިހުރީ ވަރަށް އުފަލުން. މިއީ އަހަރެންގެ ކެރިއަރުގެ އެންމެ ފުރިހަމަ ހެޓްރިކް. އެކަމަކު އެންމެ މުޙިއްމު ކަމަކީ ޓީމުން މެޗުގައި ދެއްކު ކުޅުން، ޓީމްގެ މަސައްކަތް. އަހަރެމެން މިކުޅުނީ މުބާރާތް ކާމިޔާބުކުރާނެކަމަށް ބެލެވޭ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމަކާ ދެކޮޅަށް. އަހަރެމެން ދެފަހަރު ކުރި ހޯދިން. އެއްފަހަރު އެއްވަރުކުރިން. އަހަންނަށް ހީވަނީ މިއީ ފެއަރ ނަތީޖާއެއްހެން. މެޗު ދިޔައީ ނިމެން، އެކަމަކު އަހަރެމެން އެއްވަރުކުރިން. މިހާރު އަހަރެމެންގެ ވިސްނުން މިހުރީ ކުރިއަށް އޮތް މެޗަށް " މެޗަށް ފަހު ރޮނަލްޑޯ ބުންޏެވެ.

މެޗުގައި ރޮނަލްޑޯ ފުރަތަމަ ލަނޑު ޖެހީ އޭނާގެ ސްމާރޓްކަމުން ހޯދި ޕެނަލްޓީއަކުންނެވެ. ދެވަނަ ލަނޑު ޖެހީ ރަނގަޅު ވަގުތު ދުރުން ބޯޅަ ފޮނުވާލައިގެންނެވެ. ތިންވަނަ ލަނޑު ޖެހީ 88 ވަނަ މިނިޓްގައި ލިބުނު ހިލޭޖެހުމަކުންނެވެ. އެގޯލަށް ފުޓްބޯޅައިގެ ތަޖުރިކާކާރުން އަންނަނީ ތައުރީފް ކުރަމުންނެވެ.
ރޮނަލްޑޯގެ މިހެޓްރިކާ ގުޅިގެން އޭނާގެ ވާދަވެރިޔާ ލަޔަނަލް މެސީއަށް އިތުރު ޕްރެޝަރެއް ކުރިމަތިވާނެކަމަށްވެސް ތަޖުރިބާކާރުން ދެކެއެވެ. އެއީ މިއަހަރުވެސް ބެލަންޑިއޯ އެވޯޑަށް ދެކުޅުންތެރިން ވާދަކުރާނެތީއެވެ. ސްޕެއިން ކޮޅަށް ހްޓެރިކް ހެދުމުން ރޮނަލްޑޯއަށް ތައުރީފް ކުރާ މީހުން ގިނަވެފައިވަނިކޮށް، އާޖެންޓީނާގެ ކެޕްޓަން ބޭންޑް އަޅައިގެން މެސީ މިރޭ ނިކުންނާނީ މުބާރާތުަގައި ވާދަކުރާ ކުޑަ ޤައުމެއްކަމަށްވާ އައިސްލެންޑާ ދެކޮޅަށެވެ.