ކުޅިވަރު

ފީފާ ވަރލްޑްކަޕް: އާޖެންޓީނާ - އައިސްލެންޑް


ވަރލްޑް ކަޕަށް އަލަށް ކޮލިފައިވި އައިސްލޭންޑް ގޮވައިގެން މިއަދު އާޖެންޓީނާއާ ދެކޮޅަށް ނިކުންނާނީ ޤައުމުގައި ދަތުގެ ފަރުވާ ދޭ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ހެމިރް ހަލްގްރިމްސަންއެވެ.

އައިސްލޭންޑް ވޯލްޑް ކަޕްގައި ކުޅޭ އެންމެ ފުރަތަމަ މެޗުގައި ލައެނަލް މެސީގެ އާޖެންޓީނާ އާއި ބައްދަލުކުރަން ޖެހޭއިރު އާޖެންޓީނާ ވަނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުން އެޓީމް ކުޅުނު ހަ މުބާރާތުގެވެސް ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ.
މިމެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން އައިސްލޭންޑްގެ މިޑްފިލްޑަރ ބާގް ގުޑްމުންޑްސަން ބުނީ ނިމިގެންދިޔަ ޔޫރޯގައި ޕޯޗުގަލްގެ ރޮނާލްޑޯވެސް ހިފަހައްޓާލެވުނުކަމަށާއި މެސީ އާއި އާޖެންޓީނާވެސް ހިފަހައްޓާނުލެވެންވީ ސަބަބެއް ނެތް ކަމަށެވެ.
އެހެންނަމަވެސް ގުޑްމުންޑްސަން ވަނީ އައިސްލޭންޑުން މުޅި މެޗު އެއްކޮށް ކަހަލަ ގޮތަކަށް އުޅެންޖެހޭނީ ޑިފެންޑުކުރުމުގައިކަން ފާހަގަކޮށް މެސީ އަކީ ކޮންމެ ފަދަ ދަނޑިވަޅެއްގައިވެސް މެޗެއްގެ ނަތީޖާ އަނބުރާލެވޭނެ ވަރުގެ ކުޅުންތެރިއެއްކަން ފާޙަގަކޮށްފައެވެ.

ހަމައެހެންމެ އާޖެންޓީނާގެ ކޯޗު ސަމްޕޯލީވެސް ވަނީ މެސީއަށް އޮތް އިތުބާރު ފާހަގަކޮށް އާޖެންޓީނާއަކީ މެސީގެ ޓީމެއް ކަމުގައި ބުނެފައެވެ. އަދި ޓީމު ބިނާވެފައިވާ މެސީގެ މައްޗަށްކަމަށް ބުނެފައެވެ.
ފީފާ ވޯލްޑް ކަޕް ގްރޫޕް ސީގައި މިއަދު އައިސްލޭންޑާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު ހައެއް ޖަހާއިރުއެވެ. ޕީއެސްއެމް ކަވަރޭޖްގެ ޕްރީ ޝޯވ 17:00 ގައި ފަށާނެއެވެ.

އާޖެންޓީނާ ކޯޗު ޖޯޖް ސަމްޕޯލީ:
" އަހަންނަށް ޔަޤީން މިއީ އުނދަގޫ މެޗަކަށްވާނެކަން. އެމީހުންނަކީ މިޑްފީލްޑް ކޮންޓްރޯލްކޮށްގެން ކައުންޓަރ އެޓޭކްގައި ވަރަށް ރަނގޅަށް މަސައްކަތްކުރާ ޓީމެއް. އަހަރެމެން މިއައީ އެމީހުންނަށް އިޙްތިރާމްކޮށްގެން، ދުރާލާ މެޗަށް ތައްޔާރުވަމުން. އައިސްލެންޑަކީ އުނދަގޫ ޓީމެއް. އެމީހުންނަށް އަހަރެމެންނަށް އުނދަގޫތަކެއް ކޮށްފާނެ "