ރ.ފައިނުގައި އެއަރޕޯޓެއް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢާ ދެކޮޅު އެއްވެސް ރައްޔިތަކު އެރަށުގައި ނެތްކަމަށާ، ރަށުގެ އެންމެހައި ރައްޔިތުން އެކަމަށް އެއްބާރުލުން ދޭނެކަމަށް ފައިނު ކައުންސިލުން ބުނެފިއެވެ.
ފައިނުގައި އެއަރޕޯޓު ހެދުމާ އެރަށުގެ ބައެއް ރައްޔިތުން ދެކޮޅުކަމަށްބުނެ އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ފައިނު ކައުންސިލުން ބުނީ އެއަރޕޯޓު މަޝްރޫޢާ ދެކޮޅު އެއްވެސް ރައްޔިތަކު އެރަށުގައި ނެތްކަމަށާ، ހުރިހާ ފިކުރުގެ ރައްޔިތުން އެކަމަށް ތާޢީދުކުރާކަމަށެވެ. ސިޔާސީ ގޮތުން މިހާރުގެ ސަރުކާރާ ޚިޔާލުތަފާތުވާ ފައިނުގެ ރައްޔިތުންވެސް އެކަމަށް ތާޢީދުކުރާކަމަށާ، އެމީހުންގެ ޚިޔާލުތަފާތުވަނީ މަޝްރޫޢުގައި ހިމެނޭ ބައެއް ކަންކަމާމެދުކަމަށެވެ.
އެހެންކަމުން އެއަރޕޯޓު މަޝްރޫޢުއާގުޅޭ މަޢުލޫމާތުތައް ރައްޔިތުންނާ ޙިއްސާކުރަމުންދާކަމަށާ ބައެއް ފަރާތްތަކުން މަޝްރޫޢުގެ ވަގުތީ ކުރެހިމާއި، އެއަރޕޯޓާއެކު ތަރައްޤީކުރާ ސިޓީ ހޮޓާ އެޅުމާއި މެދު ޚިޔާލު ތަފާތުވުން ހުރިނަަމަވެސް ރައްޔިތުން ތިބީ އެއަރޕޯޓު މަޝްރޫޢުއަށް އެއްބާރުލުންދޭން ތައްޔާރަށްކަމަށް ކައުންސިލުން ބުނެއެވެ. ފައިނުގެ އެއަރޕޯޓު މަޝްރޫޢުއަކީ ފައިނުގެ ރައްޔިތުން ބޭނުންވެފައިވާ މުހިންމު މަޝްރޫޢުއެއްކަމަށް އެރަށު ގިނަރައްޔިތުންވެސް ދަނީ ފާހަގަކުރަމުންނެވެ.
ކައުންސިލުން ބުނެފައިވަނީ މީގެ 26އަހަރު ކުރިން އެރަށުގެ އެއަރޕޯޓެއް އެޅުމަށް އޭރުގެ ސަރުކާރުން މަސައްކަތްކުރިކަމަށާއި، އޭރުވެސް އެކަމަށް ބޭނުންވާ ސަަރަޙައްދު ސާފުކޮށް މަގު ކޮށުމުގެ މަސައްކަތްކުރީ ރަށުގެ އެންމެން އެއްބައިވެގެންކަމަށެވެ. އަދި މިއަދު ހަޤީގަތަކަށްވެގެންމިދާ އެއަރޕޯޓް މަޝްރޫޢަކީ އޭރުއްސުރެ ފައިނުގެ ރައްޔިތުންގެ ހުވަފެނެއްކަމަށް އެމީހުން ބުނެއެވެ. ފައިނު ކައުންސިލުން ބުނެފައިވަނީ އެއަރޕޯޓް އެޅުމުގެ މަޝްރުޢުއަށް، ފައިނު ކައުންސިލުންނާއި ރަށު ރައްޔިތުންގެ އެހީތެރިކަން ލިބޭނެކަމަށެވެ.
އައިލެންޑް އޭވިއޭޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތުގެ އީއައިއޭއާއި ގުޅޭ ބައްދަލުވުމެއް މިމަހުގެ 19ވަނަ ދުވަހު ބޭއްވުމަށްވެ ވަނީ ހަމަޖެހިފައެވެ. ފައިނު އެއަރޕޯޓް އެޅުމަށް އައިލެންޑް އޭވިއޭޝަނާއި ހަވާލުކޮށްފައިވަނީ މިދުޔަމަހުގެ 30 ވަނަ ދުވަހުއެވެ. 8 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާ މި އެއްރޕޯޓާއިއެކު ސިޓީ ހޮޓަލެއް ތަރައްޤިކުރުމަށްވެސްވަނީ ހިމަނާފައެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިމަސައްކަތް އެއް އަހަރުދުވަހުގެތެރޭގައި ނިންމައި ޚިދުމަތް ފެށުމަށެވެ.